ރާއްޖޭގައި ފަސޭހައިން އެޗްއައިވީ ނުވަތަ އެއިޑްސް ބަލި ފެތުރޭނެ އާދަތައް އެބަހުރިކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އެއިޑްސް ދުވަހާއި ގުޅިގެން ދެއްވި ހިތޯބުގައި އެވެ.
މިނިސްޓަރު ވިދާޅުވީ އެއިޑްސް ފެތުރޭ އާދަތައް ދިވެހިންގެ ތެރޭގައި ހުރި އިރު ބަލި ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއިޑްސް ފެތުރެން ދިވެހިންގެ ތެރޭގައި ހުރި އާދަތައް ނައްތާލަން އެކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިނގުން ވަރަށް މުހިންމު ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އެއިޑްސް އާ ދެކޮޅަށް މަސައްކަތް ކުރަނީ ބަލި ޖެހުމުން ލިބޭ ވޭނާއި އާއިލާ އަށް ލިބޭ ނުތަނަވަސްކަން ކުޑަކުރަން ވިސްނައިގެން ކަމަށް ވިދާޅުވި އެވެ. ނަސީމް ވިދާޅުވީ ބަލިން ރައްކާތެރިވާށާއި ބަލީގައި އުޅުމުގައި އެނގެންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެމުންދާ ކަމަށެވެ.
ރާއްޖޭގައި އެއިޑްސް ބައްޔަށް ހޭލުންތެރި ކުރުވުމަށާއި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުގައި މި ބައްޔަށް ހިލޭ ޓެސްޓު ކުރެވެ އެވެ.
އެއިޑްސް ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފަ ނުވާ ބައްޔެކެވެ. ނަމަވެސް އެޗްއައިވީއާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ފަރުވާ އެކަށީގެންވާ ގޮތަށް ބޭނުންކުރުމުން ބަލި ޖެހިފައިވާ މީހުންނަށް ވެސް ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް