މާދަމާއިން ފެށިގެން މި ހަފްތާ ބަންދު ނިމުމާއި ހިސާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 500 ކޮލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނީ މި ކޮޅިގަނޑު ބުރާސްފަތި ދުވަހު ލަންކާ ހުރަސްކޮށް އިންޑިއާގެ ދެކުނު އައްސޭރިފަށަށް ކައިރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ދެކުނު އިންޑިއާ ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް ބުނެ އެވެ. މި ތޫފާނާއި ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް މެޓް އޮފީހުން ގާތުން ބަލަމުންދާ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ނިމެންދެން ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ހަފްތާ ބަންދު ނިމެންދެން ކޮޅިގަނޑާއި ތޫފާނާއި ގުޅިގެން އެ އިދާރާއިން މޫސުމާއި ގުޅިގެން ނެރޭ އެލާޓު ތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް