އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގޮރާމެއް އައި.ޖީ.އެމް.އެޗްގައި ފަށައިފި އެވެ.
ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި އައި.ޖީ.އެމް.އެޗް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގައި އައި.ޖީ.އެމް.އެޗްގެ 08 ޑޮކްޓަރުންނާއި އިތުރު 02 ޑޮކްޓަރުން ބައިވެރިވެ އެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިއަދު އެވެ.
މިއީ ޑޮކްޓަރުން ތަމްރީނުކުރުމަށް މިފަދަ ޕޯސްޓް ގްރެޖުއޭޝަން ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގޭ ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗް އިން ބުނީ ކޮވިޑް-19 އާއެކު މެލޭޝިޔާގެ ބޯޑަރު ބަންދުވުމާއި ގުޅިގެން ނޭޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިޔާގެ ރެސިޑެންސީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ރާއްޖޭގެ ޑޮކްޓަރުން އައި.ޖީ.އެމް.އެޗްގައި މި ޕްރޮގްރާމް ފެށުމަށް އެ ޔުނިވަރސިޓީން ހުށަހެޅުމަކީ އެ ހޮސްޕިޓަލަށް ލިބިގެންދިޔަ ފަޚުރެއް ކަމަށެވެ. އަދި އައި.ޖީ.އެމް.އެޗް ގައި މިފަދަ ޕޯސްޓް ގްރެޖުއޭޝަން ޕްރޮގްރާމެއް ހިންގުމުގެ ގާބިލްކަންހުރިކަން އެބޭފުޅުން ބަލައިގަންނަކަން ދޭހަވާކަމެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި މިފަދަ ޕޯސްޓް ގްރެޖުއޭޝަން ނުވަތަ ސްޕެޝަލައިޒޭޝަން ޕްރޮގްރާމުތައް އައި.ޖީ.އެމް.އެޗްގައި ހިންގުމަށް އިތުރު ފުރުސަތުތަކާއި ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް