ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަރަންޓީނު މުއްދަތު 14 ދުވަހުން 10 ދުވަހަށް މަދުކުރަން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވީ، ރައީސް ބައިވެރިވަޑައިގެން ރޭ ބޭއްވި ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ބައްދަލުވުމެއްގައެވެ. ކޮންމެ ހޯމަ ދުވަހެއްގައި ރައީސް ބައިވެރިވަޑައި ގަންނަވާ މި ބައްދަލުވުމުގައި ސިއްހީ ދާއިރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމަވާ ލެއްވުމުގެ ގޮތުން ވަނީ ރާއްޖޭގެ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ނިންމާފަ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކަރަންޓީނު މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކޮށްދިނުމުން ރައީސް ޟާލިހް އަދި ޓޫރިޒަމް މިނިސްޓަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނަޝީދު ރައީސް ޞާލިހް އަށާއި ޓޫރިޒަމް މިނިސްޓަރަށް ޝުކުރު އަދާކޮށް ކުރެއްވި ޓުވީޓް، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ރި-ޓުވީޓް ވެސް ކުރައްވާފައިވެއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުން ރަނގަޅު ނުވެ ތިބީ 1019 މީހުންނެވެ. މިހާތަނަށް 11،939 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 46 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 95 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ބައްޔަން ޕޮޒިޓިވެފައިވަނީ 17 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް