މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގައި ބައިވެރިވި ސިވިލް ސާވިސް މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ
އިދިކޮޅުން އެ ދުވަހު މުޒާހަރާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔަމީން މަނީލޯންޑަރިންގެ މައްސަލައިގަ ޖަލަށް ލިތާ އެއް އަހަރު ފުރުނު ދުވަސް ފާހަގަ ކުރާށެވެ. އެ ދުވަހުގެ މުޒާހަރާ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ކޮށްފައިވެ އެވެ.
ހޮނިހިރު ދުވަހުގެ މުޒާހަރާގައި ބައިވެރިވެގެން ސަސްޕެންޑު ކުރީ ނ. ލަންދޫ ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރާ ފިރިހެނެކެވެ. އޭނާ ސަސްޕެންޑު ކުރީ މުސާރަ ލިބޭގޮތަށް އެއް މަސް ދުވަހަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް ފޮނުވާފައިވާ ސަސްޕެންޝަން ލިޔުމުގައި ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރައީސް ދަންޖައްސައި މަރާލަން ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ އެ ތަހުގީގު ނިމެންދެން ކަމަށް ބުނެފައިވެ އެވެ.
މި ފިޔަވަޅު އަޅާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ލަފާގެ މަތިން ސިވިލް ސާވިސް ގަވައިދާ އެއްގޮތަށް ކަމަށް ބުނެ އެވެ.
މިގޮތަށް އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވި އެތައް މުވައްޒަފުންނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވެގެން ސިވިލް ސާވިސް މުވައްޒަފަކަށް ފިޔަވަޅު އެޅި އިރު މި ސަރުކާރު ވެރިކަމަށް އައީ މުޒާހަރާއެއްގައި ބައިވެރިވެގެން ނުވަތަ ނާއިންސާފުން އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު ނާޅާނެ ކަމަށް ވައުދުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް