ހިއުމަން ޓްރެފިކް ކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ހިއުމަން ޓްރެފިކް ކޮށްގެން މީހުން ހޯދާ ފައިސާ ދައުލަތަށް ނެގޭގޮތަށް ސަރުކާރުގެ ފަރާތުން މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅ...

01 Dec 2020 | 08:26

ހިއުމަން ޓްރެފިކް ކޮށްގެން މީހުން ހޯދާ ފައިސާ ދައުލަތަށް ނެގޭގޮތަށް ސަރުކާރުގެ ފަރާތުން މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދެވެ. ބިލު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން، އެ އަމަލުގެ ތެރެއިން ގެންނަ މީހުންނާއި ހަވާލުވުމާއި އެ މީހުން ގެންގުޅުން އަދި ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށަކަށް ނުހެދޭ ކަމަށެވެ.

ޖީހާން ވިދާޅުވި ގޮތުގައި، ސަރުކާރުން ބިލު ހުށަހެޅީ މީހުން ޓްރެފިކްކުރުން ރާއްްޖޭގައި ގާނޫނީ ގޮތުން މާނަކުރާ ގޮތް އެ ޕްރޮޓޮކޯލާ އެއްގޮތްކުރަން ކަމަށެވެ. އެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށް އެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ވެސް ބިލު ހުށަހެޅުމުގެ މަގުސަދުގަ އެވެ.

ޖީހާން ހުށަހެޅުއްވި އިސްލާހުގައި ވަނީ މުދަލާއި ފައިސާ ނަގާނީ، ބިލުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އުސޫލުތަކާއި އެއްގޮތަށެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިއޮތީ ކުށްކޮށްގެން ހޯދާ ފައިސާ ހަރަދުކުރާނެ ގޮތެވެ. އެ ފައިސާ ހަރަދުކުރާނީ ޓްރެފިކް ކުރެވޭ ނުވަތަ ޓްރެފިކް ކުރެވޭ ކަމަށް ބެލެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެހީތެެރިކަން ފޯރުކޮށްދިނުމަށެވެ.

މި އިސްލާހުގައި ވަނީ ހިއުމަން ޓްރެފިކިންގެ މާނަ ފުޅާކޮށްފައި އެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު އެ މީހުންނަށް އޮޅުވާލައި ނަހަމަ ފައިދާ ނެގުމަކީ ހިއުމަން ޓްރެފިކިންގެ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މިހާތަނަށް ހިންގާފައިވާ އޮޅުވާލުންތައް މަދު ކުރުމަށް އެ އިސްލާހުގައި ވަނީ ރާއްޖެއަށް މީހުން އެތެރެކުރުމުގައި މިހާރު ހަދާ ގިނަ ގޯސްތައް ހުއްޓުވުމުގެ ގޮތުން އެ ކުށްތައް މީހުން ޓްރެފިކްކުރުމުގެ ގާނޫނުގެ ތެރޭގައި ހިމަނާފައި އެވެ. އޭގެ ތެރޭގައި ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ބިދޭސީ މަސައްކަތު މީހާ ގެންދިއުން ނުވަތަ ބަދަލުކުރުން، އެގޮތަށް ގެންނަ މީހަކާ ހަވާލުވުން ނުވަތަ ބެހެއްޓުމުގެ އިތުރުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓްކުރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް