ގޫގަލް ލޫން ޕްރޮޖެކްޓްގެ އިތުރު ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެއެވެ. މި ބެލޫން ވެއްޓިފައިވަނީ ލ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ސަރަހައްދަކަށެވެ.
ލ. މާވަށަށް ނިސްބަތްވާ ޒުވާނުންތަކެއް މި ބެލޫން ނަގާފައިވާއިރު މި ބެލޫން މިހާރު އޮތީ އެރަށުގައެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި ޒުވާނަކު ބުނީ ރޭގެ ވަގުތެއްގައި ތ އާއި ލ އާއި ދެމެދުން މާވަށާ ގާތްގަނޑަކަށް 12 ވަރަކަށް މޭލު ދުރަށް މި ބެލޫން ވެއްޓުމުން، ޒުވާނުންތަކެއް ގޮސް މި ބެލޫން ނަގާފައިވާކަމަށެވެ. އަދި މިކަން އެމްއެންޑީއެފާއި ޕޮލިހަށް އަންގާފައިވާކަމަށެވެ.
އެމްއެންޑީއެފުން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި މާވަށު ޒުވާނަކު ބުނީ އެމީހުންނަށް ގޫގަލް ލޫން ޕްރޮޖެކްޓްގެ އޮފީހާވެސް މިހާރު ކޮންޓެކްޓް ވެފައިވާކަމަށާއި އެކަން އެފަރާތަށްވެސް މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައިވެސް މީގެ ދެ ބެލޫން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވެއެވެ.
މި ބެލޫންތަކަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި ގޫގަލް އިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް"ގެ ބެލޫންތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް