އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ސައްޙަކަމެއް ނޫން: އުތެމަ

އަންހެން ކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ސައްޚަކަމެއް ނޫން ކަމަށް އަންހެނުންނަށް ހައްގުތަކާއި ކުރިއެރުން ހޯދައިދިނުމަށް ކަމަށް ބުނެ 2016 ވަަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭ އުފެދިގެން އައި އަމިއްލަ ޖ...

01 Dec 2020 | 07:28

އަންހެން ކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ސައްޚަކަމެއް ނޫން ކަމަށް އަންހެނުންނަށް ހައްގުތަކާއި ކުރިއެރުން ހޯދައިދިނުމަށް ކަމަށް ބުނެ 2016 ވަަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭ އުފެދިގެން އައި އަމިއްލަ ޖަމްއިއްޔާ އެއް ކަމުގައިވާ "އުތެމަ" އިން ބުނެފިއެވެ.

އެ ޖަމްޢިއްޔާއިން މިހެން ބުނީ އެޖަމްޢިއްޔާގެ ރަސްމީ ވެބްސައިޓް އުތެމަޑޮޓްއޯގު ގައި ސާއިއު ކޮށްފައިވާ ލިޔުމެއްގައެވެ. މި ލިޔުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި “ދީނީ ޢިލްމު” ގެ ނަމުގައި ދައްކާ ހުރިހާ ވާހަކަތަކަކީ ދީނީގޮތުން ސައްޙަ ވާހަކަތޯ ސުވާލު އުފެދޭތާ އެތައް އަހަރުތަކެއް ވެއްޖެކަމަށެވެ.  ނަމަވެސް މި މައުޞޫއުއާ ދޭތެރޭ އެއްޗެއް ބުނަން ނޫޅުމަކީ ދީނީ ޢިލްމުގެ ދާއިރާއިން ތަޢުލީމު ޙާޟިލުކޮށްފައިވާ މީހުންނާއި، އެ ދާއިރާއިން ތައުލީމު ޙާޟިލު ނުކުރާމީހުންވެސް އިޚުތިޔާރުކުރާ ގޮތްކަމަށެވެ.

އަދި  މީގެސަބަބުން، އިޖްތިމާއީ އެތައްކަމަކާ ދޭތެރޭ އޮންނަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދި، އެފަދަ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކޮށް ދެނެގަތުމުގެ ރޫޙު ހީނަރުވެ، ދީނީ ގޮތުން ކަންކަން ސާފުކުރުމުން ދުރުވެ އުނގެނުމުގައި ބީރައްޓެހިކަން އުފެދިފައިކަމަށެވެ. އަދި މިކަންމިހެން އޮންނަނީވެސް ސަބަބުތަކަކާ ހުރެކަމަށާއި އެ ސަބަބުތަކުގެ ތެރޭގައި ދީނީ ކަމަކާގުޅިގެން ސުވާލެއް ކުރުމަކީވެސް ސުވާލު ކުރާމީހާ “ކުފުރު” ނުވަތަ “މުރުތައްދު” ވެދާނެކަމުގެ ބިރު މުޖުތަމަޢުގައި އުފައްދާފައި އޮންނައޮތުމުގެ ސަބަބުންކަން އެކަށީގެންވާކަމަށެވެ. އަދި އެފަދަ މޭރުމަކުން މީހާ ސިފަކޮށް ލަގަބު ދިނުމުގެ ސަގާފަތެއްވެސް އޮންނަނީ ރާއްޖޭގައި ޒަމާނުއްސުރެން އުފައްދާފައި ކަމަށްވެސް މިލުޔުމުގައި ވެއެވެ.

މި ލިޔުމުގައި އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން، ދީނީ ކަންކަމާ ގުޅިގެން އެއްވެސް ބަހެއް ބުނެވޭނީ ވަކި ޖިންސެއްގެ ވަކިބަޔަކަށް އެކަނި ކަމަށް ވަރަށް ކާމިޔާބު ކަމާއެކު ދިވެހި މުޖުތަމަޢުގައި ހަދާފައިވާކަމަށެވެ. އެނޫން ބަޔަކު ދީނާގުޅޭ ގޮތުން މައުލޫމާތެއްގެ ވާހަކަ ދައްކަން އުޅެފިކަމަށްވާނަމަ މިހާރު އުފައްދާފައިވަނީ ވަރުގަދަ އިލްޒާމަށާއި އެއީ ގިނަބައެއްގެ ދުލުކޮޅުގައި ފަސޭހަކަމާއެކު އަނެކާއާދެކޮޅަށް ދޭ ހަމަލާއަކަށް ހަދާފައިވާ ލަފްޒެއްކަމަށެވެ. އަދި އެއީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އުކަމުންދާ، އަނެކާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި އަމާޒުކޮށް ފޮނުވާ ހަތިޔާރަކަށް ހަދާފައިވާ “ލާދީނީ” މީހަކަށްވުމުގެ ލަގަބުކަމަށް ވެސް ބުނެފައިވެއެވެ.

އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ސައްޙަކަމެއް ނޫން
"ދިވެހިރާއްޖޭގައި “ދީނީ ޢިލްމު” ގެ ނަމުގައި ދައްކާ ހުރިހާ ވާހަކަތަކަކީ ދީނީގޮތުން ސައްޙަ ވާހަކަތޯ ސުވާލު އުފެދޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މި މައުޞޫއުއާ ދޭތެރޭ އެއްޗެއް ބުނަން ނޫޅުމަކީ ދީނީ ޢިލްމުގެ ދާއިރާއިން ތަޢުލީމު ޙާޟިލުކޮށްފައިވާ މީހުންނާއި، އެ ދާއިރާއިން ތައުލީމު ޙާޟިލު ނުކުރާމީހުންވެސް އިޚުތިޔާރުކުރާ ގޮތެވެ."

އަންހެނުންނަށް ހައްގުތަކާއި ކުރިއެރުން ހޯދައިދިނުމަށް ބުނެ ވަކާލާތު ކުރާ "އުތެމަ" ޖަމްޢިއްޔާއިން ވަނީ މީގެ ކުރިންވެސް އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން އެ ޖަމްއިއްޔާގެ ވެބްސައިޓުގައި ލިޔުމެއް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ޖަމްޢިއްޔާއިން ސާއިއުކުރި ލިޔުމުގައި ވަނީ އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި މިކަމަކީ ބޮޑެތިސިއްޙީ ނުރައްކާތަކަށްއަންހެންކުދިން ހުށަހެޅިގެންދާ ކަމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު އެޗް އޯ) އިން ބުނާކަމަށެވެ. އަދި މިކަމާއި ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށްވެސް އެފަރާތުން ގޮވާލާފައިވެއެވެ.

"އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީ ކަމެއް ނޫން، އަދި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު އެޗް އޯ) އިން ބުނާ ގޮތުގައި މިކަމަކީ ބޮޑެތިސިއްޙީ ނުރައްކާތަކަށްއަންހެންކުދިން ހުށަހެޅިގެންދާ ކަމެއް. ސައްހަ މައުލޫމާތު ހޯދާ"

ﷲގެ ދީން ބިންމަތިން ފޮހެލައި، އެދީނުގެ ހުޅުކޮޅު ނިއްވާލުމަށް، ހުރިހާ ޒަމާނެއްގައިވެސް ޣައިރުމުސްލިމުން، އެމީހުންނަށް ކުރެވުނުހައި މަސައްކަތެއް ކުރަމުންދެއެވެ. މިގޮތުން އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ ބައެއްކަންތަކުން އިންސާނުންނަށް ގެއްލުންލިބޭކަމަށް ޘާބިތުކޮށްދޭން އެމީހުން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ މިމަޅީގައިޖެހި، އެ ޕުރޮޕެގެންޑާ ފެތުރުމުގައި ބައެއް މުސްލިމުންވެސް ބައިވެރިވެއެވެ.

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށް ބުނެވޭ، މިދިވެހިރާއްޖޭގައިވެސް އެފަދަ ޕްރޮޕެގެންޑާތައް ފެތުރެމުންދާތަން ފެންނަކަމީ އެކަމުގެ ދިރިހުރި ހެއްކެކެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، އެއީ އެކުދިންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ހުރިކަމެއްކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކަކީވެސް އެފަދަ ޕުރޮޕެގެންޑާއެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ޚިތާނުކުރަން އަންގަވާފައިވާގޮތަށް ޚިތާނުކޮށްފިނަމަ، އެއްވެސް ގެއްލުމެއްނުވާނެކަމަށާއި، އޭގެބަދަލުގައި އެކުދީންނަށްވާނީ ފައިދާކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އަދި އެކުދީންނަށް ގެއްލުންވަނީ ‘ފިރުޢައުނީ ޚިތާނު’ގެ ނަމުން މަޝްހޫރުވެފައިވާ ގޮތަށް ޚިތާނުކުރުމުން ކަމަށްވެސް އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.

ޑޮކްޓަރުންގެ މިވާހަކަތައް ނޭގުނަސް، ﷲ ގެ ދީނުގައި ޝަރުޢުވެފައިވާ އެއްވެސް ކަމަކުން، އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މިދީނަކީ އިންސާނުން ޚަލްޤުކުރެއްވި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ދީނެވެ. އިންސާނުންނަށް ފައިދާހުރިކަންތަކާއި ގެއްލުންހުރި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.

ނަމަވެސް ހިތާމައާއެކު ބުނެލަން ޖެހެނީ، މުޖުތަމަޢުގައި މަރުޖިޢަކަށް ބެލެވޭ ބައެއް ބޭފުޅުންގެ ފަރާތުންވެސް، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއް ނޫންކަމަށާއި، އެކަމާމެދު އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތަކެއްކަމަށް ބުނެވި، އެކަމުގެ މަޝްރޫޢިއްޔަތުކަމާމެދުވެސް ބައެއް މީހުން މިހާރު ޝައްކުކުރަން ފަށާފައިވާ ކަމަށެވެ.

* މި ލިޔުމުގެ ފަހު ބައިގައި ހިމަނާލާފައިވާ ދީނީ މައުލޫމާތު ކޮޅަކީ 5 ނޮވެމްބަރ 2011 ގައި އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން އައްޝައިޚް މުޙައްމަދު ޝަމްޢޫން ދިސަލަފިއްޔާ ވެބްސައިޓުގައި ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މައުލޫމާތު ކޮޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް