ރައީސް ސޯލިހު މި ހަފްތާގައި ލ. އަތޮޅަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް އަންނަ ބުރާސްފަތި ދުވަހު ވަޑައިގެންނަވަން ނިންމަވައިފި އެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގަމަށެވެ. މި ދަތުރުފުޅ...

01 Dec 2020 | 07:15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް އަންނަ ބުރާސްފަތި ދުވަހު ވަޑައިގެންނަވަން ނިންމަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގަމަށެވެ. މި ދަތުރުފުޅަކީ އެ ރަށުގައި ތިން ހިދުމަތެއް ފައްޓަވައިދެއްވަން ކުރައްވާ ދަތުރުފުޅެކެވެ.

އެ ތިން ހިދުމަތަކީ ގަމު ޒޯން ސްޓޭޑިއަމް ހުޅުވުން އަދި ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީޓި ސްކޭންގެ ހިދުމަތް ފައްޓަވައިދެއްވުމެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ގަމުގެ ތިން އަވަށުގައި ވަކިން ދެމުން ދިޔަ ކަރަންޓުގެ ހިދުމަތް އެއް އިންޖީނުގެއަކުން ދޭން ފެށުން ރަސްމީކޮށް ރައީސް އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވެ އެވެ.

ގަމުގެ ތިން އަވަށް ކަމަށްވާ މުކުރިމަގު، މަތިމަރަދޫ އަދި ތުނޑީއަވަށުގައި މީގެ ކުރިން ކަރަންޓުގެ ހިދުމަތް ދެމުން ދިޔައީ ތިން އިންޖީނުގެ އިން ކޮންމެ އަވަށަކަށް ވަކިންނެވެ. އަލަށް ހެދި އިންޖީނުގެ ހުންނަނީ މީހުން އެންމެ ފަހުން އާބާދުވި މާހިންނަ ސަރަހައްދުގައި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ދޭން ފެށި ސީޓީ ސްކޭންގެ ހިދުމަތަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކޮށް ދޭން ފަށާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެކެވެ.

ގަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ ޒޯން ސްޓޭޑިއަމް އަކީ ރާއްޖޭގައި ހުޅުވާ ތިން ވަނަ ޒޯން ސްޓޭޑިއަމް އެވެ. އަނެއް ދެ ޒޯން ސްޓޭޑިއަމް ހުންނަނީ ކުޅުދުއްފުށީ ސިޓީ އަދި ގދ. ތިނަދޫގައި އެވެ.

އަތޮޅު ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫތައް ރަސްމީކޮށް ފެއްޓުމާއި ނިންމުމުގެ ރަސްމިއްޔާތުތަކަށް ރައީސް ސޯލިހު ވަޑައިގެންނަވަމުން ގެންދަވާއިރު މިދިޔަ މަހު ވަނީ ހއ. ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށް އެ ރަށަށް ވަޑައިގެންފައި އެވެ.

ކޯވިޑް-19 އަތޮޅު ތެރެއަށް ފެތުރުން ކޮންޓްރޯކް ކުރުމަށް މި ދުވަސް ވަރު އަތޮޅު ތެރޭގައި ހަފްލާތައް ބޭއްވުމާއި މާލެއިން ވަފުދުތައް ދިއުން އެދެވިގެން ނުވާ ކަމަށް އެޗްޕީއޭއިން ދަނީ ބުނަމުންނެވެ. އެޗްޕީއޭއިން މިގޮތަށް އަންގަމުން ދަނިކޮށްވެސް ސަރުކާރުގެ އެކި މަޝްރޫތަކާއި ގުޅިގެން މި ދުވަސްވަރު ސަރުކާރުގެ ވެރިން އަތޮޅުތެރެއަށް ދަތުރު ކުރަމުން ގެންދަވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް