ބާލީސްތައް އެތަން މިތަނަށް ވިއްސާލާފައެވެ. އެއްވެސް ތަރުތީބެއް ނެތެވެ. އަންނައުނުތައް ހަމަ އެފަދައެވެ. ހަރުގަނޑުގެ އިތުރުން އަލަމާރީގެ އަތްގަނޑުތަކުގައިވެސް ހުރީ ފަހުދުގެ އަންނައުނު އަޅުވާފައެވެ. ދޫލަމަތީ އެތަންމިތާގައި އޮތީ ފަހުދު އަރަން ގެންގުޅޭ ބޫޓުތަކާ، ސްޓާކީންތަކެވެ. ޒާރާގެ ދެލޯ އެ ކޮޓަރީގެ އެތަން މިތަނަށް ބެލުމުގައި އަވަދިނެތިފައިވިޔަސް ފަހުދުގެ ދެލޯ ޒާރާގެ ހަށިގަނޑާ ވަކިވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެކަން ޒާރާއަށް އެނގޭނީ ޒާރާ އެކަމަށް ސަމާލުކަން ދިންނަމަތާއެވެ. ފަހުދުގެ އުޅުން ހުރިގޮތް ފެނުމުން ޒާރާއަށް ވިސްނާލެވުނީ އިމްރާނާ ދޭތެރޭގައެވެ. އެދެމީހުންގެ އުޅުން، އުޑާ ބިމާހާ ތަފާތެވެ.
''ހާދަ ވަރަކަށް ތިބަލަނީ........ތިގޮތަށް މަށާ ދިމާއަށްވެސް ބަލާނެނަމަ ދޯ...... މިބުނީ ފަހުދާ ދިމާލަށްވެސް ބަލާނެ ކުއްޖަކު ވާނެނަމަ އޭ....... އިންމަ ހާ ތަރުތީބެއް ނުވާނެ އިނގޭ މަށެއް........ '' ސޯފާއިން ތެދުވެ ދޫލަ މަތީގައި އެކި ދިމަދިމާއަށް އުކާފައިވާ އިސްޓާކީންތައް ފަހުދު އެއްކުރަން ފެށިއެވެ. ބޫޓުތައްވެސް ތަރުތީބު ކޮށް ހަރުގަނޑުގައި އަތުރާލިއެވެ.
''މިހާރު ރަނގަޅު ދޯ........ '' ފަހުދު ދެއަތް ފުޅާ ކޮއްލަމުން ހުއްޓުނީ ޒާރާގެ ކުރިމަތީގައެވެ. އެވަގުތު ފަހުދުގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ. ފަހުދު ހުރީ ހިނި އައިސްފައެވެ. މިހާރު އެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކުއްލިއަކަށް ޒާރާ ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ރިންގުވަނީ ޒާރާގެ ފޯނުކަމަށް ހީކޮށް ފޯނު ކޮބާތޯ ދެފަރާތުން ސޯފާމަތީގައިވެސް އަތް ކާއްތާލެވެނެވެ. ރިންގުވަނީ ޒާރާގެ ފޯނެއް ނޫނެވެ. ފަހުދުގެ ފޯނެވެ. ފޯނު ބާއްވާފަ އާދެވުނުކަން ޒާރާ ހަނދާންވީ އެވަގުތުއެވެ. ފާރުގައި ހުރި ގަޑިއާ ދިމާއަށް އޭނާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ޒާރާއަށް އިހްސާސް ނުވިޔަސް ފަހުދުގެ ކޮޓަރިއަށް ޒާރާ ވަންފަހުން ވިއްސަކަށް މިނެޓް ހިނގައިފިއެވެ.
''ދަނީ........'' ޒާރާ އުޅުނީ ސޯފާއިން ތެދުވާށެވެ. އެހެންނަމަވެސް އެކަން އެހާ ފަސޭހަކަމަކަށް ނުވިއެވެ. ސޯފާ މަޑުކަމުންނާ އެތާ އިންނަތާ ގިނައިރުވުމުން ތެދުވާން އުނދަގޫވީއެވެ. ވަގުތުގެ ބޭނުންކޮށް ޒާރާއާ ދިމާއަށް ފަހުދު އަތް ދިއްކޮއްލިއެވެ. ޒާރާއަށް އެހީތެރިވުމުގެ ބޭނުމުގައި ބާވައެވެ. ނޫނީ ފަހުދުގެ އެހެން ބޭނުމެއް އޮތީބާވައެވެ. ޒާރާ ބޭނުންވީ އޭނާގެ އަމިއްލަ ބާރުގައި ތެދުވާށެވެ.
''ފަހަރީ....... އަހަރެން މިހެން ހުއްޓަ ތިޔަހާ ހާލުގަ ފަހަރި އުޅުނަކަ ނުދޭނަން.....'' ޒާރާގެ ގާތަށް ޖެހިލަމުން ޒާރާގެ އުނަގަނޑުގައި ފަހުދު އަތް އަޅުވާލިއެވެ. އަދި އަނެއް އަތުން ޒާރާގެ އެއްއަތުގައި ހިފިއެވެ. ކޮޅަށް ނަގާދިނުމަށްފަހުވެސް ފަހުދު ޒާރާ އާ ދުރަށްދާކަށް ނޫޅުނެވެ. ހަމަ އެހުރިގޮތަށް ހުރީއެވެ.
''ފަހުދު....... ދޫކޮށްލާ.......'' ފަހުދުގެ އަތް އަދިވެސް އޮތީ ޒާރާގެ ފުރަގަހުން އުނަގަނޑުގައި އަޅުވާލާފައެވެ. ޒާރާ ބޭނުންވީ ފަހުދުގެ އަތުތެރެއިން ވީއްލިގެން އަވަހަށް އެތަނުން ނިކުމެގެންދާށެވެ.
''ސޮރީ........ '' ފަހުދު އަވަސްއަވަހަށް ޒާރާއާ ދުރަށް ޖެހިލިއެވެ. އިސްޖަހާލައިގެން ހުރިގޮތުން އޭނާ އެހުރީ ކުރެވުނު ކަންތަކާ ޒާރާއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައިހެން ޒާރާއަށް ހީވިއެވެ.
''ވަރަށް ލަސްވެއްޖެ....... ދެން ދަނީ އިނގޭ......'' ޒާރާ ދޮރާދިމާއަށް ދާން ހިނގައިގަތެވެ.
''ބޭނުންވެސް ނުފުދެނީސް ދަނީތަ.......'' ފަހުދު އެ ބުނި އެއްޗަކުން ޒާރާ ހުއްޓުން އެރިއެވެ. ހައިރާންވެފައި ފަހަތަށް އެނބުރި ފަހުދުގެ މޫނަށް ބަލާލެވުނެވެ. ސުވާލުގެ ނަޒަކުންނެވެ.
''މިބުނީ އަދި ފަހަރި މިތަނަށް އައި ބޭނުންވެސް ނުފުދެއެއްނޫންހޭ..... އެކަމަކުވެސް ދަނީހޭ........'' ފަހުދު އެއްބުމަ މައްޗަށް އަރުވާލަމުން ދެ ކޮނޑު އަރުވާލިއެވެ. ފަހުދު އެބުނީ ތެދެކެވެ. މިތަނަށް ޒާރާއައީ އޭނާގެ އަމިއްލަ ބޭނުމެއްގައެވެ. އެހެންނަމަވެސް އައި ބޭނުންވެސް ހަނދާން ނެތުނީ ކީއްވެކަމެއް ޚުދު ޒާރާއަކަށްވެސް ނޭނގުނެވެ. ފަހުދުގެ ދެމާނަ އެކުލެވޭ ޖުމްލަތައް ޒާރާއަށް ވިސްނައިގަންނައެއް ނުގަނެވެނެވެ.
'' އަވަހަށްބުނޭ ........ ކޮބާ ޝަރުތަކީ.........'' ޒާރާ އެތަނަށްއައި ބޭނުން ހަނދާންވުމުން ފަހުދާ ސުވާލުކުރިއެވެ. ފަހުދު ބޭނުންވާ ހިސާބަށް އާދެވުނީއެވެ. ދެން އޮތީ ފަހުދުގެ ކުޅަދާނަކަމެއް ހުރިވަރަކުން ކާމިޔާބު ކުރުމެވެ.
''މިރޭ ކާން އަރާފަ އެވާހަކަ ނުދައްކާނީ ފަހަރި އަހަންނާ އަބަދުވެސް ވާހަކަ ދައްކާމަތިން....... ކެއާ ކުރާމަތިން....... އިމްރާންގެ ބޭބެ އެއްގެ ހައިސިއްޔަތުން ފަހަރި އަހަރެން މީ ގާތްމީހެއްގެ ގޮތުގަ ދެކޭނެކަމަށް ޕްރޮމިސްކުރޭ......އޭރުން އެ ނިމުނީ........ އަހަރެން އެއްވެސް ވާހަކައެއް ނުދައްކާނަން.......'' ފަހުދު ބަލާލީ ޒާރާގެ މޫނަށެވެ. އޭނާ ބޭނުންވި ހުރިހާ ކަމެއް ޒާރާއަށް ހުށައެޅުނީއެވެ. ދެން އޮތީ ޒާރާ އެއަށް ރައްދު ދޭގޮތެއް ބެލުމެވެ. ކެތްތެރިކަމެއް ނެތި ފަހުދު އިންތިޒާރު ކުރަމުން ދިޔައީ ޒާރާގެ ޖަވާބަކަށެވެ. ޒާރާ ވިސްނާލިއެވެ. ފަހުދާ ރައްޓެހިކަން ބޭއްވުމަކުން އެއްވެސް މައްސަލައެއް ނެތެވެ. ފަހުދު އެބުނާގޮތުން ފަހުދަށް ކެއާ ކުރުމަކުންވެސް ގޯހެއް ނެތެވެ. އިމްރާނުގެ ބޭބެއެއްގެ ހައިސިއްޔަތުން ވިއްޔާ އެންމެ ރަނގަޅެވެ. އެކަންވާނީ ފަހުދަށް އަދި އިމްރާނަށްވެސް ކޮށްދެވޭ އިހްސާން ތެރިކަމަކަށެވެ. އަދި ޒާރާ އެގޮތަށް ފަހުދާ ރައްޓެހިކަމުގެ ގުޅުން ބާއްވައިގެން ފަހުދުގެ ގޯސް އާދަތައް ބަދަލު ކުރެވިދާނެއެވެ. އޭރުން އެ އާއިލާގެ އެންމެން އެކަމާ އުފާކުރާނެކަން ޒާރާއަށް ޔަގީނެވެ.
''އެންމެ ރަނގަޅު .......'' ފަހުދާ ހަތަރުކަޅި ހަމަކޮއްލަމުން ޒާރާ ބުންޏެވެ.
''ތީ އެހާ ފުރިހަމަ ޖަވާބެއް ނޫން ފަހަރީ........ އަހަރެން ބޭނުމީ ވަރަށް ފުރިހަމަ ޖަވާބެއް...... ހަމަ ފަހަރިހާ ފަހަރިދޭ ޖަވާބުވެސް ފުރިހަމަވާންވާނެ......ޕްރޮމިސްކުރޭ.......'' ފަހުދު ކުރިއަށް ޖެހިލިއެވެ. ޒާރާ އާ ގާތަށެވެ.
''އޯކޭ ޕްރޮމިސް...... ފަހުދު އެއްގޮތް ކުޑަކުއްޖެކޭ...... އަދިވެސް ބޮޑެއް ނުވޭ ދޯ.........ދެން ދަނީ އިނގޭ..... މާލަސްވެއްޖެ.........'' ޒާރާ ހީލިއެވެ. ފަހުދުގެ ބޭބީކަން ހިތައް އަރާފައެވެ. ހަގީގަތުގައި ހިތުގައި އޮންނަގޮތަށް ކަންކަމުގެ ވާހަކަ ބުނަންކެރޭނީ ހިތް ސާފުމީހުނަށެވެ. ހިތުގައި އެއްވެސް ކިލަނބުކަމެއް ނެތީމައެވެ. އެއީ ޒާރާ ގަބޫލުކުރާ ގޮތެވެ.
ކުރިއަށް ޖެހިލާ ދޮރުގެ އަތްގަނޑުގައި ހިފާލަން ކުރިއަށް ދިއްކޮއްލި އަތް ދަމައިގަނެވުނީ ކޮޓަރި ދޮރުގައި މީހަކު ޓަކިދޭން ފެށުމުންނެވެ. ޒާރާގެ މޭގަނޑު ތެޅިގަތެވެ. ފަހަތަށް ޖެހިލެވުނެވެ. ފަހުދާ ދިމާއަށް އެނބުރި ބަލާލެވުނީ ކަންބޮޑުވީވަރުންނެވެ. އިމްރާން އައީބާވައެވެ. ނޫނީ މަންމަ އައީ ބާވައެވެ. ޒާރާ ފަހުދުގެ ނިދާކޮޓަރީގައި ހުއްޓާ ފެނިއްޖެއްޔާ އެމީހުން ހީކުރާނީ ކީކޭހެއްޔެވެ. ޒާރާ އަދިވެސް ހުރީއެވެ. ޓަކި ޖަހާއަޑުވެސް މެދުކެނޑުމެއްނެތި އިވެމުންދެއެވެ.
ފަހުދު ޒާރާގެ ކަންބޮޑުވުން ދެނެގަތެވެ. އަދި ކުރިއށް ޖެހިލާ ޒާރާގެ އަތުގައި ހިފާ މަޑުމަޑުން ފަހަތަށް ދަމާލިއެވެ. ދޮރުފަތުގެ ނިވަލަށް ޒާރާ ޖައްސާލިއެވެ. އޭނާ ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރި މީހަކަށް ޒާރާ ނުފެންނާނެވަރު ބަލައިގެންނެވެ.
''ކިހިނެއްވީ.........'' ކޮޓަރި ބޭރުގައިހުރީ ޖީނާ ފެނުމުން ފަހުދަށް ހަލޭލަވައިގަނެވުނެވެ. ބުނެވުނީ ބުނަން ބޭނުންވި ވަރަށްވުރެ ބާރަށެވެ. ޖީނާ ޖެހިލުންވިއެވެ. އެހާ ބާރަށް ފަހުދު ހަޅޭލަވައި ގަތުމުންނެވެ.
''މެޑަމް ނެތީމަ....... ބޭބެ ސައިބޯން.......'' ޖީނާ އެބުނީ ސަރީފާ ގޭގައި ނޫޅޭތީ ފަހުދަށް ސައިބޯންގޮވި ވާހަކައެވެ.
''އަހަރެން ސައެއް ނުބޯނަން....... ދެން ކޮޓަރީގަ ޓަކި ނުޖަހާތި....... އަހަރެން ސައިބޯން ބޭނުން ދުވަހަކު ނިކުންނާނަން......... އަހަންނަށް ނުގޮވިޔަސް...... ދެން ދޭ........'' ފަހުދު ހުރީ ހިތްހަމަ ނުޖެހިފައެވެ.
''ކުޑަ މެޑަމް ނެތީމަ ގުޅަނީ...... މެޑަމް ރުޅި ހުންނަނީ ސައިނުދެނީމަ ކުޑަމެޑަމް.......'' ޖީނާ ޖެހިލުންވެފައި އިސްޖަހާލިއެވެ. ޖީނާ ދެއްކި ވާހަކަ ޒާރާއަށް ނުހަނު ސާފުކޮށް އިވުނެވެ. އޭނާ އިކިޔާއެއްޗެއް ފަހުދަށް ނޭނގުނަސް ޒާރާއަށް އެނގިއްޖެއެވެ. ޖީނާހުރީ ޒާރާއަށް ސައި ނުދެވިގެން ނުހަނު ކަންތައް ބޮޑުވެފައެވެ. ސަރީފާ ގެއަށް އަންނައިރު ޒާރާ އަށް ސައި ނުދިވި ހުރީމާ އެކަމާ ސަރީފާ ރުޅިއަންނާނެތީ ޖީނާ އެހެރީ ނުހަނު ކަންތައްބޮޑުވެފައެވެ. ޖީނާގެ ވާހަކައިން އެނގުނުގޮތުގައި ޒާރާގެ އެޕާޓްމަންޓަށް ގޮސް ޒާރާއާ ދިމާނުވުމުން ފަހުދު ގާތުން އެ އެދުނީ ޒާރާއަށް ގުޅައިދިނުމަށެވެ. އެހެންނަމަވެސް ފަހުދު އެއިން ކަމަކާ ވިސްނާލާކަށް ބޭނުމެއްނުވިއެވެ. ޖީނާގެ މޫނުމައްޗަށް ދޮރު ލެއްޕުމަށްފަހު ޒާރާގެ މޫނަށް ބަލާލިއެވެ.
''ދެން ކިހިނެއް ހަދާނީ....... ޖީނާ ހުއްޓާ ނިކުންނާކަށް ނުކެރޭނެ....... އަހަންނަށް މިހެދުނީ ވަރަށް ބޮޑު ގޯހެއް.......'' ޒާރާގެ ހިތުގައި އުތުރި އަރަމުންދާ އުދާސްތައް ދުލުން ބޭރުވެގެންދިޔައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އެފަދަ ކަމެއް ޒާރާކުރީ ކީއްވެހެއްޔެވެ. ކުޑަކުޑަކަމެއް ފޮރުވަން ހަދައިގެން ޒާރާއަށް މިކުރެވުނީ އަދި މާބޮޑުކަމެކެވެ. ފަހުދަށް ވިސްނާލެވުނީ އިސްޖަހާލައިގެންހުރި ޒާރާ އާ މެދުގައެވެ. ދެވަނަފަހަރަށް ފަހުދު ދޮރު ހުޅުވާލީ ޖީނާ ހިނގައްޖެކަން ޔަގީންކުރުމުގެ ގޮތުންނެވެ. ޖީނާ ނެތްކަން ޔަގީންވުމުން ޒާރާ ކޮޓަރިން ނިކުތެވެ.
ޒާރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ޒާރާގެ ހިތް ހުއްޓުނުކަހަލައެވެ. ހުރިތަނަށް ޒާރާ ގަނޑުވިކަހަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް