ދަގަނޑޭ އާއި ސެންޓޭ ކުލަބު ވެލެންސިއާ އަށް!

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ. ދަގަނޑޭ އޭނާގެ ކުރީގެ ކުލަބު ވެލެންސިއާއަށް ބަދަލުވިއިރު، އޭނާ ވަނީ ރޭ އެކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެ...

01 Dec 2020 | 05:20

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

ދަގަނޑޭ އޭނާގެ ކުރީގެ ކުލަބު ވެލެންސިއާއަށް ބަދަލުވިއިރު، އޭނާ ވަނީ ރޭ އެކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ދަނގަޑޭ ކުލަބު ވެލެންސިއާއަށް ބަދަލުވިއިރު، ވެލެންސިއާ އަކީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ކުލަބެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގައި ހަތަރު އަހަރު ދަގަނޑޭ ހޭދަކުރިއިރު، އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މި މުއްދަތުގައި ދަގަނޑޭ ވަނީ ވެލެންސިއާއަށް 104 ލަނޑު ޖަހައިދީފައެވެ.

އޭގެ ފަހުން ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީ އާއި، ވީބީ އައްޑޫ އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ދަގަނޑޭ ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް 410 ލަނޑު ޖަހާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދަގަނޑޭއާއެކު ސެންޓޭ ވެސް ވަނީ ކުލަބު ވެލެންސިއާއަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އެގޮތުން ވެލެންސިއާއިން އާ ސީޒަނަށް އެފްއޭއެމަށް ހުށަހެޅި ވެލެންސިއާގެ ޓީމު ލިސްޓުގައި މި ދެކުޅުންތެރިންގެ ނަން ވަނީ ހިމަނައިފަ އެވެ.

ސެންޓޭ ވެލެންސިއާއަށް ބަދަލުވިއިރު، އޭނާ މިދިޔަ ސީޒަނުގައި ކުޅުނީ ކުލަބު އީގަލްސްއަށެވެ. ސެންޓޭ ވަނީ މީގެ ކުރިން ވެލެންސިއާއަށް ވެސް ކުޅެފައެވެ. މީގެ އިތުރުްނ ސެންޓޭ ވަނީ އޭވައިއެލް އާއި، ނިއު ރޭޑިއަންޓާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ޓީސީއަށްވެސް ކުޅެފައެވެ. ސެންޓޭ ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

ދަގަނޑޭ އާއި ސެންޓޭ ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއިން ފެނިގެން ދާއިރު، މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން އެކުގައި ތިން އަހަރަކު ވަންދެން ނިއު ރޭޑިއަންޓަށް ވެސް ކުޅެފައެވެ.

ދަގަނޑޭއާ އެކު ސެންޓޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ދަގަނޑޭ މިދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު ސީޒަނުގެ ފަހުކޮޅު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ފެނުނީ ކްލަބް އީގަލްސް އިންނެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށިއިރު، މީގެ ކުރިން އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު އަދި ހުނަރުވެރި މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ) ވެސް ގެނެސްފައެވެ.

ފުރަތަމަ ޑިވިޝަނުން ވެލެންސިއާ 2018 ވަނަ އަހަރު ރެލިގޭޓްވުމުން އެޓީމު މިދިޔަ ސީޒަނުގައި ކުޅުނީ ދެ ވަނަ ޑިވިޝަނުގަ އެވެ. ފުރަތަމަ ޑިވިޝަނަށް އަލުން އެޓީމު ކޮލިފައިވީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޑިސެމްބަރު އަށް ވަނަ ދުވަހު އީގަލްސް އާއި މާޒިޔާ ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ލީގުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހުގެރޭ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް