އުންމަތްތަކާއި، މިއްލަތުތައް ތަރްބިޔަތު ކުރެއްވުމުގެ މަސްއޫލިއްޔަތު ނަބީބޭކަލުންނާއި، ރަސޫލުބޭކަލުންނާ މަތިކުރެއްވިފަދައިން ޢާއިލާގެ މެމްބަރުންގެ ތަރްބިޔަތު ޙަވާލުކުރައްވައިފައިވަނީ ޢާއިލާތަކުގެ އިސްމީހުންނާއެވެ. ޚާއްޞަކޮށް ދަރިން ތަރުބިޔަތުކުރުމުގެ ޒިންމާ އަޅުއްވައިފައިވަނީ މައިންބަފައިންގެ ކޮނޑުގައެވެ. އަރަހުށި މާތްﷲ އިރްޝާދު ދެއްވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހްލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ." (އައްތަޙްރީމު : 6)
ސައްޔިދު ޤުޠުބު ޝަހީދު މިއާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވާ ގޮތުގައި އިންސާނާ އޭނާގެ އަމިއްލަ ނަފުސު އިސްލާޙުކޮށް ހިތް ޠާހިރު ކުރަން މަސައްކަތްކުރުން ވާޖިބު ފަދައިން ތިމާގެ ގޭގެ އަހްލުވެރީން އިސްލާޙުކޮށް ތަރްބިޔަތުކުރުން ވާޖިބެވެ. އެ މައްސަލައިގައި އޭނާ ޖަވާބުދާރީވާންޖެހެއެވެ. ދަރީންގެ ތަރްބިޔަތާ ބެހޭގޮތުން އަރަހުށި މާތްﷲ ޤިޔާމަތް ދުވަހުން މައިންބަފައިންގެ ކިބައިން ހިސާބު ހިއްޕަވާނެއެވެ. ޢައްލާމާ އިބުނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވާގޮތުގައި އަރަހުށި މާތްﷲ ޤިޔާމަތްދުވަހުން ދަރިފުޅު ބައްޕަގެ ހައްޤު އަދާކުރި ގޮތާމެދު ސުވާލުކުރެއްވުމުގެ ކުރީން ސުވާލުކުރައްވާނީ ބައްޕަ ދަރިފުޅުގެ ތަޢުލީމާއި ތަރްބިޔަތާއި އެހެނިހެން ޙައްޤުތައް އަދާކުރި ގޮތަކާމެދުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވާގޮތުންވެސް ކޮންމެ ބެލެހެއްޓުންތެރިޔަކާވެސް އެމީހެއްގެ ބެލުމުގައި ދަށުގައި ތިބި ބަޔެއްގެ ކަންތައް ބެލެހެއްޓި ގޮތަކާމެދު ސުވާލުކުރެއްވޭނެއެވެ.
ދަރިފުޅުގެ ތަރްބިޔަތު ފެށުން ރައްދުވަނީ މަންމަގެ ރަޙިމުގައި އޭނާ ގަރުބަގަތުމުގެވެސް ކުރިޔަށެވެ. ކާވެނިކުރާއިރު ޚުލުޤު ރަނގަޅު، ދީންވެރި އަންހެނުން ޚިޔާރުކުރުމަށް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވަނީ އެގޮތުންނެވެ. އަޚްލާޤީ އަގުތަކާއި، ރީތިޚުލުޤާއި، ދީންވެރިކަމުގެ ގޮތުން ދަރީންނަށް ރަނގަޅު ޞާލިޙު ބިންގަލެއް އަޅުއްވައިދެއްވުމުގެ ގޮތުންނެވެ. ކުދީންގެ ޙަޔާތަށް އެކަމުން ފޯރާ އެދެވޭ އަސަރުތަކަށް ބައްލަވައިގެންނެވެ.
މިޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި މަންމަގެ ތަރްބިޔަތާއި، ކަންކަމާމެދު މަންމަ ވިސްނާގޮތާއި މަންމަގެ ޖަޒުބާތު ބަނޑުގައި އޮންނަ ދަރިފުޅުގެ ޝަޚްޞިއްޔަތަށް އަސަރުފޯރުވައެވެ. ނަފްސިއްޔާތުގެ މާހިރުން ދެކޭގޮތުގައި ކުއްޖާ މަންމަގެ ރަޙިމުގައި އުފެދި ފުރިހަމަވަމުން އަންނައިރު އޭނާގެ ތަރްބިޔަތަށްވެސް ފެށެއެވެ. ބަލިވެއިންނައިރު މަންމަ ކާއެއްޗެހީގެ އަސަރު ކުއްޖާގެ ޖިސްމާނީ ޞިއްޙަތަށް ފޯރާ ފަދައިން މަންމަގެ އިޙްސާސުތަކާއި، ޚިޔާލުތަކާއި، މަންމަގެ ޙަރަކާތްތަކުގެ އަސަރު ކުއްޖާގެ ދިރިއުޅުމަށާއި، އޭނާގެ ނަފްސިއްޔާތަށް ކުރެއެވެ. އެހެންކަމުން މާބަނޑުމީހުން ފިކުރުތަކުން އެއްކިބާވެ އުފާވެރި މިޒާޖެއްގައި ތިބުމަށް ލަފާދެވެއެވެ.
މަންމަގެ އުނގަކީ ކުއްޖާގެ އެންމެ ފުރަތަމަ މަދަރުސާއެވެ. އަރަހުށި މާތްﷲ ވަނީ އެޝަރަފު މަންމަޔަށް ދެއްވައިފައެވެ. އިންސާނީ ހުރިހާ ގުޅުންތަކެއްގައި މަންމަގެ މަޤާމު އެންމެ މަތިވެރިވަނީ އެސަބަބަށްޓަކައެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ.
" އޭ މާތްﷲ ގެ ރަސޫލާއެވެ! މީސްތަކުން ކުރެ އެމީހަކަށް އަޅުގަނޑު ކަމޭހިތުން އެންމެ ޙައްޤުކަން ބޮޑު މީހަކީ ކޮބައިތޯއެވެ؟" ޙަދީޡުކުރެއްވިއެވެ. (އެއީ) ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ ބައްޕައެވެ. (މުއްތަފަޤުން ޢަލައިހި)
ޝައްކެއްނެތެވެ. ހެޔޮލަފާ ޞާލިޙު ދަރީން ތަރުބިޔަތު ކުރެވޭނީ ހެޔޮލަފާ މަންމަޔަކަށެވެ. ޢަރަބީންގެ މަޝްހޫރު ޝާއިރު އަޙްމަދު ޝައުޤީގެ ޅެމެއްގައިވެއެވެ.
"މަންމަޔަކީ މަދަރުސާއެކެވެ. އެމަދަރުސާ ތައްޔާރުކޮށް ރަނގަޅު ތަރުބިޔަތެއް ދޭނަމަ އެއީ ރަނގަޅު ނަސްލެއް އުފެއްދުމެވެ."
ޝައްކެއްނެތްގޮތުގައި އެންމެ ފައިދާ ހުރި ތަރްބިޔަތަކީ ޅަފަތުގައި ދެވޭ ތަރްބިޔަތެވެ. ފެންކޮށީގައިދެވޭ ތަރްބިޔަތުގެ އަސަރު އަބަދަށް ދެމިހުރެއެވެ. އެންމެ ފުރަތަމަ ހިތުގައި ނެގޭ ބިންވަޅަކީ ދާއިމަށް ފިލައިގެން ނުގޮސް ހުންނަ އެއްޗެކެވެ. އެކަމާ ގުޅޭގޮތުން ޢަރަބި ބަހުގައި އުފެދިފައި އޮންނަ މިސާލުބަހެއްގައި ބުނާގޮތުން ޅައުމުރުގައި ދެވޭ ތަޢުލީމަކީ ހިލައިގައި ބިންވަޅުނަގައި ކުރަހާ ކުރެހުމެއްފަދައެވެ. އެހެންކަމުން ޅަޢުމުރަކީ ކުއްޖާއަށް ތަޢުލީމާއި ތަރުބިޔަތު ދިނުމަށް އެންމެ ފަހި ޢުމުރެވެ. އެންމެ މުނާސަބު ޢުމުރެވެ. އެޢުމުރުގައި ކުއްޖާގެ ހިތުގެ ބިއްލޫރިގަނޑުގައި އެއްވެސް ފުސްކަމެއް ނުހުރެއެވެ. އެއްވެސް ވަރަކަށް ކޫރުއެޅިފައެއް ނުހުރެއެވެ. އެކުދީންގެ މަޢުޞޫމު ހިތްތަކަކީ ސާފު ހުދު ކަރުދާހެއްފަދައެވެ. މައިންބަފައިން ބޭނުން ކޮންމެ ކުލަޔަކުން ބޭނުން ކޮންމެ އެއްޗެއް އެކަރުދާހުގައި ލިޔެވިދާނެއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް މަޝްޙޫރު ހަދީޘުފުޅެއްގައިވެސް ހަމަ މިވާހަކަ ވަނީ ބަޔާންކޮށްދެއްވައިފައެވެ. އާދެ، އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވައިފައިވެއެވެ.
" ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ. (މުސްލިމު)
މައުލޫމާތް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ އަބްދުﷲ ފާރޫގް ހަސަން ލިޔުއްވާފައިވާ " ކުދިންގެ ތަރުބިޔަތުގައި މަންމަގެ ދައުރު" މި ލިޔުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް