ކޯވިޑް-19 އިން ރަނގަޅުވެ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.
މެޗުން ޔުވެންޓަސް މޮޅުވީ ސްޕެޒިޔާގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ.
ސްޕެޒިޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ޔުވެންޓަސް އަށް ލަނޑު ޖަހާ ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ޕޮބެގާ ކާމިޔާބުކުރި ގޯލުން ސްޕެޒިޔާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުވެސް އެއްވަރެއްގައި އޮވެއެވެ.
މި މެޗުގައި ރޮނާލްޑޯ ކުޅެން އެރީ މެޗުގެ 59 ވަނަ މިނެޓްގައެވެ. ރޮނާލްޑޯ ކުޅެން އެރިތާ ތިންޗަނަ މިނެޓިގައި އޭނާ ވަނީ ލަނޑު ޖަހާ ޔުވެންޓަސް އަށް އަލުން ލީޑު ނަގާދީފައެވެ.
މި މެޗުގެ 67 ވަނަ މިނެޓްގައި ޔުވެންޓަސްގެ ތިންވަނަ ގޯލު ރަބިއޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ.
މި މޮޅާއެކު ޔުވެންޓަސް އޮތީ 12 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ޔުވެންޓަސް އަތުން ބަލިވި ސްޕެޒިޔާ އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ. އެއްވަނައިގައި 16 ޕޮއިންޓާ އެކު އޮތީ އޭސީ މިލާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް