ތުރުކީވިލާތުގެ ރައީސް، ރަޖަބު ތޮއްޔިބު އުރުދުޣާންގެ އަރިހުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލުންތަކެއް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އުރުދުޣާންގެ އަރިސް އޮފިޝަލުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ބޭފުޅުންގެ ތެރޭގައި ތަރުޖަމާނު އިބްރާހީމް ކާލިންއާއި ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ހިމެނިވަޑައިގަންނަވަ އެވެ.
ތަރުޖަމާނު ކާލިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އިއުލާން ކުރައްވަމުން ވިދާޅުވީ އޭނާގެ ހަށިގަނޑުން މިހާރު ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަ ކޮށް ކަމަށެވެ. އަދި މިހާރު ޝިފާ، ލިބި ރަނގަޅުވާ އަތަށް އަޅާފައިވާ ކަމަށެވެ.
ދާޚިލީ ވަޒީރު ވަނީ އޭނާއާއި އޭނާގެ އާއިލާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަ ކުރައްވާފަ އެވެ.
މި 2 ބޭފުޅުންނަކީވެސް ގަވައިދުން އުރުދުޣާންއާ ބައްދަލުކުރައްވާ ދެ އޮފިޝަލުން ނެވެ.
ކޮވިޑް-19 ޖެހިގެން ތުރުކީވިލާތުން ހޮނިހިރު ދުވަހު 75 މީހުން މަރުވެފައި ވެއެވެ. އަދި އިތުރު 2213 ކޭސް ވަނީ ފެނިފަ އެވެ.
މިއާއެކު މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ދިހަ ހާސް ދުއިސައްތަ ފަންސާސް ދޭކަށް އަރާއިރު، ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ ތިން ލައްކަ 75 ހާހުން މައްޗަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް