ދިވެހި ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ ދެނީ

އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އިތުރު ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ ފަހުކޮޅު އެވެ. އަދިވެސ...

01 Nov 2020 | 13:24

އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އިތުރު ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ ފަހުކޮޅު އެވެ. އަދިވެސް އެގައުމުގެ ބޯޑަރު ހުޅުވާނުލާއިރު ޓޫރިސްޓުން ފިޔަވާ އެހެން ބޭނުންތަކުގައި އެ ގައުމަށް ދާ ފަރާތްތަކަށް ގައުމު ހުޅުވާލުމަށް ވަނީ ނިންމާފައި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ވިޔަފާރިވެރިންނަށް އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ ދޭށެވެ. މިގޮތަށް ނިންމާފައިވާކަން އެގައުމުން އެންގީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުގައި އެވެ.

ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ކުރިން އިންޑިއާއިން ވަނީ ހަމަޖެޖައްސައިދީފައި އެވެ. އެގޮތުން އާސަންދައިގެ ދަށުންނާއި އަމިއްލަ ހަރަދުގައި އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ މީހުންނަށް ވަކި އުސޫލެއްގެ ދަށުން ދަނީ ހުއްދަ ދެމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ފަހުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ކޮންސިއުލާ ޑިޕާޓްމަންޓްގެ އީމެއިލް [email protected] އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް