އިދިކޮޅު ކޯލިޝަނުން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ "ބަޑި ބުރާސްފަތި" ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ނުދިނުމުން ޕީޕީއެމް އޮފީސް ސަރަހައްދުގައި ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްއިން ބުނީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދައަށް ސިޓީ ކައުންސިލްގައި އެދުމުން ބުނެފައިވަނީ ހަފްލާތައް ބޭއްވުމުގެ ހުއްދަ މި ދުވަސްވަރު ދޭނީ އެޗްޕީއޭއިން ކަމަށެވެ. އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެޗްޕީއޭގައި އެދުމުން ފޮނުވި ޖަވާބުގައި ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުމަށް އަންގާފައި އެވެ.
އެގޮތަށް އެޗްޕީއޭއިން އެންގީ ކޯވިޑް-19 އާއި ގުޅިގެން 30 މިނެޓަރަށްވުރެ ގިނަ އިރު ޖަލްސާތައް ކުރިޔަށް ގެންދިއުން މާލެ ސަރަހައްދުގައި މަނާކޮށްފައިވާތީ އެވެ. އަދި އެޗްޕީއޭއިން ވަނީ މާލޭގައި އާންމު ތަންތަނުގައި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ ކަމަށް ކަނޑައަޅައި ގައިޑްލައިނެއް ހަދާފައި އެވެ.
އެހެންވެ ޕީޕީއެމް/ ޕީއެންސީން ނިންމާފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުގައި ޖަލްސާ ބާއްވާށެވެ. އެ ޕާޓީން ބުނީ ސަރުކާރުގެ ހަފްލާތައް ބާއްވަން އެޗްޕީއޭއިން ހުއްދަ ދޭތަން ފެންނަ ކަމަށެވެ.
ޕީޕީއެމްއިން ވަނީ ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާފައި އެވެ.
އިދިކޮޅު ކޯލިޝަނުން އެންމެ ފަހުން ޕީޕީއެމް އޮފީސް ސަރަހައްދުގައި ބޭއްވި މުޒާހަރާ ފުލުހުން ވަނީ ހުއްޓުވައި ފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވި އިދކޮޅު ބައެއް ލީޑަރުން ވަނީ އެޗްޕީއޭގެ ގަވައިދާ ހިލާފުވެފައިވާތީ 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ.
ޖޫރިމަނާ ކުރި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހިމެނެ އެވެ. އެބޭފުޅުން ޖޫރިމަނާކުރީ އާންމު ތަންތަނުގައި މާސްކު ނާޅާ އުޅެފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް