ކޮވިޑް-19އިގެ ސަބަބުން ދިމާވި އިގްތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގައި ބާއްވަން އުޅުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ނުބޭއްވޭނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، މުޅި ދުނިޔެއަށް ކޮވިޑުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކުރިއިރު ރާއްޖެއަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އެހެންކަމުން އިގްތިސޯދީ ގޮތުން ރާއްޖެ ދަތި ހާލަތެއްގައި އޮއްވަ، އައިއީއައިޖީ ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މަހުލޫފް ވިދާޅުވީ، އައިއޯއައިޖީ ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ވިދާޅުވާން ޖެހެނީ، މި ވަގުތު ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތްގޮތުން އެކަމަށް ތައްޔާރު ނުވެވޭނެތީ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގައި އެތަކެެއް ޒުވާނުންގެ ވަޒީފާ ގެއްލިފައިވާއިރު އައިއޯއައިޖީއަށް ފޯކަސް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އައިއޯއައިޖީ2025 ވަނަ އަހަރު ބޭއްވުމަށް އެދި އައިއޯއައިޖީގެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހަ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި އެ ކައުންސިލުން2025 ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ދީފިނަމަ ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ކީޗް (ގޭމްސްގެ ކަންކަން ނިންމާ ކޮމެޓީ) އާއި މީގެ ފަސް ވަރަކަށް ދުވަސް ކުރިން ބައްދަލުކޮޮށް 2025 ވަނަ އަހަރަށް އައިއޯއައިޖީ ލަސްކޮށްދިނުމަށް ހުށައަޅާފައި، ގައިމުވެސް 2023 ވަނަ އަހަރު ރާއްޖޭގައި ނުބާއްވާނެ، 2025 ގައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދީފިކަމުގައި ވާނަމަ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން ދާނީ" މަހުލޫފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް