ޖޫރިމާނާ ބޮޑު ވާނަމަ ކޯޓުތަކުން ކުޑަކުރަން ޖެހޭނެ: ހައި ކޯޓު

މަދަނީ މުއާމަލާތްތަކުގައި ފައިސާ ނުދެއްކުމުން ކޯޓުތަކުން ނަގައިދޭ ޖޫރިމަނާ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނަމަ އެ އަދަދު ކޯޓުތަކުން ކުޑަކުރައްވަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ. ދެ ފ...

01 Nov 2020 | 09:28

މަދަނީ މުއާމަލާތްތަކުގައި ފައިސާ ނުދެއްކުމުން ކޯޓުތަކުން ނަގައިދޭ ޖޫރިމަނާ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނަމަ އެ އަދަދު ކޯޓުތަކުން ކުޑަކުރައްވަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ދެ ފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ބައެެއް ފަހަރު ކޯޓުތަކުން ބޮޑެތި އަދަދުތަކުން ޖޫރިމާނާ ނަގައިދީފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ޖޫރިމަނާ މާ ބޮޑުވާނަމަ، އެ ޖޫރިމަނާގެ އަދަދު ކޯޓުން ކުޑަ ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ އިމާރާތެއްގެ އެތެރޭގެ މަސައްކަތެއް ކުރުމަށް ފަހު، އެއަށް ފައިސާ ނުދެއްކި މައްސަލަައެއްގަ އެވެ. އެ މަސައްކަތުގެ އަގަކީ 150،000 ރުފިޔާ ކަމަށް ވިޔަސް، ފައިސާ ނުދައްކާ ހޭދަވި މުއްދަތަކަށް ޖޫރިމަނާއާ އެކު 889،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

ޖޫރިމާނާގެ ފައިސާ ދައްކަން ޖެހޭ ކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ފައިސާ ނުދެއްކުމުން ޖޫރިމަނާ ނަގައިދެވޭނެ މިންވަރާ މެދު ރާއްޖޭގެ ކޯޓުތަކުގައި އެކި ގޮތްގޮތަށް ބަހުސް ކުރެވެމުންދާ ކަމަށެވެ. އަދިި ބައެއް ގައުމުތަކުގައި ދައްކަންޖެހޭ އަސްލު ފައިސާ އަށް ވުރެ ޖޫރިމަނާގެ އަދަދު ބޮޑުވާ ނަމަ ނުވަތަ އާދަޔާ ޚިލާފަށް ޖޫރިމަނާ ބޮޑުވާ ނަމަ، ޖޫރިމަނާގެ އަދަދު ބައެއް ގައުމުތަކުގެ ކޯޓުތަކުން ދަށް ކުރަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރިން ނިންމި ދެ މައްސަލައެއްގައި ވެސް ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި ބޮޑު އަދަދުން ޖޫރިމަނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ހައި ކޯޓުގެ އެ ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ޖޫރިމާނާގެ ގޮތުގައި ދައްކަން ހުކުމްކުރަ އަދަދުތަކަކީ އެކަށީގެންވާ އަގެއްތޯ ކޯޓުތަކުން ބަލަންވާނެ ކަމަށެވެ. އަދި އެ މައްސަލާގައި ނަގައިދިން ޖޫރިމަނާއަކީ މަސައްކަތުގެ އަގަށް ވުރެ ފަސް ގުނަ ބޮޑު ޖޫރިމަނާއެއް ކަމަށްވާތީ އެ އަދަދު ކުޑަކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލަ ފަނޑިޔާރުންނަކީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ފައިސަލް، އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ނަގައިދޭ ޖޫރިމަނާގެ އަދަދު މަސައްކަތުގެ އަގާ އެއް މިންވަރަށް ދަށްކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް