ޕާސަނަލް އާއި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ބީއެމްއިލްއިން ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިލް އަލަށް ދޫކުރާ ޕާސަނަލް ލޯނާއި ހައުސިން ލޯނު އަދި ފައިނޭސްގެ އިންޓްރެސްޓު ރޭޓް މިއަދުން ފެށިގެން ކުޑަކޮށްފައިވާ ކަމަށް އެ ބޭންކުން ބުނުފި އެވެ. ބީއެމްއެލްއިން ބ...

01 Nov 2020 | 08:06

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިލް އަލަށް ދޫކުރާ ޕާސަނަލް ލޯނާއި ހައުސިން ލޯނު އަދި ފައިނޭސްގެ އިންޓްރެސްޓު ރޭޓް މިއަދުން ފެށިގެން ކުޑަކޮށްފައިވާ ކަމަށް އެ ބޭންކުން ބުނުފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދު ގެނެވުނު ބަދަލާއެެކު ލުއި އެކްސްޕްރެސް ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ 18 ޕަސެންޓުން 15 ޕަސެންޓަށް ކުޑަވެފައި ކަމަށެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ. އެއާއެކު ގަވާއިދުން މުސާރަ ނުލިބޭ މީހުންނަށް ދޫކުރަމުން އައި ލުއި މައިކްރޯ ލޯނުގެ އިންޓްރެސްޓު ރޭޓު ވަނީ 12 ޕަސަންޓަށް ދަށްކޮށްފަ އެވެ. ކުރިން އެ ލޯނު ދޫކުރަމުން އައީ 13 ޕަަސަންޓު އިންޓްރެސްޓު ހިމަނައިގެންނެވެ.

އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާ ނުލައި ކުރިން 18 ޕަސެންޓު އިންޓްރެސްޓުގައި ލިބޭއިރު މިހާރު ލިބޭނީ 15 ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ.

އެގޮތުން އެ ކެޓަގަރީން ކަސްޓަމަރުންނަށް 300،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު 300،000-1.5 މިިއަން ރުފިޔާއާ ދެމެދުގެ ލޯނު ނަގާ ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ރަހުނާ އެކު 12 ޕަސެންޓު، އިންޓްރެސްޓުގައި ލޯނު ދޫކުރާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. ބީއެމްއެލްގެ ހައުސިން ލޯނު ޕޯޓްފޯލިއޯއަށް ބަލާއިރު މިހާރު ވަނީ އިންޓްރެސްޓް ރޭޓު 11 ޕަސެންޓުން 10 ޕަސެންޓާ ހަމައަށް ދަށްކޮށްފަ އެވެ. މިއީ މިވަގުތު ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓުގައި ބޭންކުން ލޯނު ދޫކުރާނީ "ހޯމް ޕާޗޭސް ލޯން"  އަދި "ހޯމް ކޮންސްޓްރަކްޝަން ލޯން"ގެ ތެރެއިން 50 ޕަސެންޓް އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށެވެ.

ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ "ރިއަލް އެސްޓޭޓް ލޯން"ގެ ރޭޓު އާ ބަދަލާއެކު 10.5 ޕަސެންޓަށް ކުޑަވާނެ އެވެ. މި ލޯނު ކުރިން ދޫކުރަމުން އައީ 12 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގަ އެވެ.

ބީއެމްއެލްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، ބީއެމްއެލް އިސްލާމިކްގެ ލޯނުތައްވެސް މި ރޭޓުތަކާ އެއްގޮތަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ނިމާލް އިތުރަށް ވިދާޅުވީ، ބީއެމްއެލްއިން ދޫކުރާ ލޯނުތަކާއި ފައިނޭސްތަކަށް އިތުރު ބަދަލުތަކެއް އަދި ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް