އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި، އެގޮތަށް ވާހަކަ ދައްކާ މީހުންގެ ބޭނުމަކީ ފިތުނަ އުފެއްދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްޑިޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފައިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް ނަމަވެސް މަސައްކަތް ކުރައްވަނީ އެއް އަޒުމެއްގައި އެއް މަގުސަދެއް ހާސިލް ކުރަން ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް މެމްބަރުންގެ އިތުރުން އިދިކޮޅު އެކްޓިވިސްޓުން ދެކޭ ގޮތުގައި އެމްޑީޕީ މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ. އިދިކޮޅުން ދެކޭ ގޮތުގައި ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލިސް ތެރެއިން ސަރުކާރު ހިންގަން ކަމަަށެވެ. އަދި މަޖިލީހުގެ ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތާއިދު ކުރައްވަނީ ރައީސް ސޯލިހުއަށް ކަމަށް ވެސް އިދިކޮޅުން ދެކެ އެވެ. އެކަން އެންމެ ބޮޑަށް ފެނިިފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ވަކިކުރަން ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.
ރޭ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުއާއި ނަޝީދު ވެސް މަސައްކަތް ކުރައްވަނީ އެއް ވިސްނުމެެއްގައި އެއް މަގުސަދެއް ހާސިލްކުރަން ކަމަށެވެ. އަދި އެއިން އެއްވެސް ބޭފުޅަކު އެމްޑީޕީއަށާއި ރައްޔިތުންނަށް ގެއްލުންވާފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މިހާރު އޮތް ހަމައެކަނި އުއްމީދަކީ ވެސް އެ ދެ ބޭފުޅުން ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުންނަމަ އިދިކޮޅު ފަރާތްތަކުން ގައުމީ ޝުއޫރާއި ދިނީ ޝުއޫރު ފައުޅު ކުރަނީ ފިތުނަ އުފައްދަން ވެގެންނެވެ. އަދި ދީނީ ޝުއޫރަކީ ސިޔާސީ މަގުސަދެއް ހާސިލްކުރަން ބޭނުންކުރަން ވާނެ އެއްޗެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް