ސްޕެނިޝް ލީގުގައި ރޭ އަލަވެސް އާ ދެކޮޅަށް ކުޅުނު މެޗުންވެސް ބާސެލޯނާއަށް މޮޅެއް ނުހޯދުނެވެ.
ރަށުން ބޭރުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗު އެއްވަރުވި އިރު، ރޭގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
ބާސެލޯނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އަލަވެސް އިންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދީފައިވަނީ ލުއިސް ރޯޖާ އެވެ. ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ އަލަވެސްގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އޭގެ ފައިދާ ނަގައިގެންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ލަނޑު ބާސެލޯނާ އަށް ކާމިޔާބުކޮށްދީފައިވަނީ އަންޓޮއިން ގްރީޒްމަން އެވެ.
ބާސެލޯނާ އަށް ރޭގެ މެޗުން މޮޅު ނުވެވުނު އިރު، އެޓީމުން ލީގުގައި އެންމެ ފަހުން ރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ 1-3 އިން ބަލިވެފައެވެ.
ރޭގެ މެޗު އެއްވަރު ވުމާއެކު ބާސެލޯނާ މިހާރު އޮތީ އެންމެ އަށް ޕޮއިންޓާއެކު ޓޭބަލްގެ 12 ވަނައިގަ އެވެ. މިހާތަނަށް ބާސެލޯނާ އިން ލީގުގައި ހަ މެޗު ކުޅެފައިވާއިރު އެ ޓީމަށް އަދި ކާމިޔާބުކުރެވިފައިވަނީ ދެ މެޗެވެ. ރޭގެ މެޗަކީ ލީގުގައި ބާސެލޯނާއިން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތަރުވަނަ މެޗެވެ. މި ނަތީޖާ ތަކުގެ ސަބަބުން ބާސެލޯނާ މިވަގުތު އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް