ދުނިޔޭގެ ތަފާސް ހިސާބު ދުވަސް ފާހަގަ ކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.
މިދިޔަ މަހުގެ 24 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި އުމުރުން 12-17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވެ އެވެ. އެ އުމުރުފުރާގެ ކުދިން ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު 12-14 އަހަރާއި، 15-17 އަހަރު ނުވަތަ 12-17 ބައިން ކުދިންނަށް ކުރެހުން ބައިވެރިކުރެވެ އެވެ.
ކުރެހުން ބައިވެރި ކުރުމުގައި 12-14 އަހަރާއި 15-17 އަހަރުގެ ކެޓަގަރީން ކުރެހުން ބައިވެރި ކުރަން ޖެހެނީ ކޮންމެ ކުއްޖަކު ވަކިންނެވެ. އެކަމަކު ތިން ވަނަ ކެޓަގަރީގައި ތިން ކުދިންގެ ގްރޫޕަކަށް ކުރެހުން ބައިވެރި ކުރެވިދާނެ ކަމަށާއި އެކުދިންގެ އުމުރު ފުރާއަށް 12-17 އަހަރު ވާން ޖެހޭނެ ކަމަށް މި މުބާރާތުގައި ބައިވެރިވުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ބައިވެރިވެވޭނީ ކޮންމެސް އެއް ކެޓަގަރީއެއްގައި އެވެ.
ކުދިން ކުރަހަންޖެހޭ ތީމްއަކީ "މައި ޑޭޓާ މައި ކޮމިއުނިޓީ" އެވެ. މި މުބާރާތް ކުރިރިޔަށް ގެންދަނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމް ފޭސްބުކާއި ޓުވިޓާގައި އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ކުދިން ކުރަހާ ކުރެހުންތައް #worldstatsday2020 ޖެހުމަށް ފަހު ޕޯސްޓު ކުރަންޖެހެ އެވެ. އަދި ސްޓެޓިސްޓިކް ބިއުރޯގެ ޓުވިޓާ އެކައުންޓު ނުވަތަ ފޭސްބުކް އެކައުންޓް ޓެގް ކުރަންޖެހެ އެވެ.
މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއް ވަނަ ދެވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެއްވަނަ އަށްދާ ކުރެހުމަކަށް 3،000 ރުފިޔާ، ދެވަނަ އަށް 2،000 ރުފިޔާ އަދި ތިން ވަނައަށްދާ ކުރެހުމަށް 1،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.
މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތަކާއި ގުޅޭ އިތުރު މައުލޫމާތު statisticsmaldives.gov.mv ލިބޭނެ އެވެ.
ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހަކީ އޮކްޓޯބަރު 20 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް