ގައިޑްލައިން ހަދަނީ ލޯ ރިސްކު ތަންތަނަށް ބަލި ނުފެތުރޭނެ ގޮތް ބަލައިގެން

ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެކުލަވާލާފައިވާ ގައިޑްލައިންތަކަކީ ހައި ރިސްކު ތަނަކުން ލޯ ރިސްކުތަނަކަށް ބަލި ނުފެތުރޭނެ ގޮތަށް ބަލައިގެން ކަމަށް ބުނެފި އެޗްއީއޯސީން ...

01 Nov 2020 | 03:24

ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެކުލަވާލާފައިވާ ގައިޑްލައިންތަކަކީ ހައި ރިސްކު ތަނަކުން ލޯ ރިސްކުތަނަކަށް ބަލި ނުފެތުރޭނެ ގޮތަށް ބަލައިގެން ކަމަށް ބުނެފި އެޗްއީއޯސީން ބުނެފި އެވެ.

މިކަމާއި ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވާހަކަދެއްކެވީ އަތޮޅުތެރޭގެ ރަށްރަށަށް ދިއުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތައް ހަރުކަށި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅު ކުރާތީއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ގަވައިދު އެކުލަވާލާފައިވާނީ މީހުން ދިރިއުޅޭ ރަށްރަށަށް ވީހާވެސް ބޮޑަށް ބަލި ނުފެތުރޭނެ ގޮތަށް ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުންނަ ރަށްރަށާއި މާލޭގައި އަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތައް އާންމު އެހެން ރަށްރަށުގައި އަމަލު ކުރަންޖެހޭ ގަވައިދުތަކަށްވުރެ ހަރުކަށިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމު ހާލަތުގައި ހުރި ރަށްރަށަށް އެހެން ރަށަކުން 10 މީހުންނަށް ވުރެ ގިނައިން ދާ ނަމަ ޕީސީއާރު ޓެސްޓުގެ ހަދަން ޖެހުމުގެ އިތުރުން ކަރަންޓީން ވާން ޖެހޭ ގޮތަށް ހެދީ ބަލި ފެތުރުމުގެ ފުރުސަތު އޮޮތުމުން ކަމަށެވެ. މިކަމަށް މިސާލު ދައްކަވަމުން ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ ޓޫރިސްޓުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ގެނަޔަސް އެމީހުން ފުރައިގެން ދިއުމުގެ ކުރިން ޓެސްޓު ކުރާއިރު ޕޮސިޓިވްވެފައި އެބަހުރި ކަމަށެވެ.

އެފަދަ ފަރާތްތަކުގެ ސަބަބުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމުގައި ވިޔަސް ރިސޯޓުތަކުގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިން ހަރުކަށި ކަމުން މާ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެ މުވައްޒަފުން ކަރަންޓީން ވާން ޖެހޭތީ ރަށަށް ދިޔަޔަސް ބަލި ފެތުރޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެކަމަކު އެ އުސޫލުން ރަށްތަކުގައި އަމަލުކޮށް ކަރަންޓީން ވާން ނުޖެހޭގޮތަށް ހަދައިފި ނަމަ ބަލި ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ކޯވިޑްގެ ހާލަތު ރަނގަޅުވި ކަމަށް ބަލައިގެން އާންމުން އަމަލު ކުރަމުން އައި އުސޫލުތައް ބަދަލު ނުކުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދު 11،000 އަށް އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 10،000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މި ބަލީގައި މަރުވެފައިވަނީ 38 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް