ޖަރުމަން ބުންޑެސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑު މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅެ ބަޔާން މޮޅުވީ ކޮލޯން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބަޔާންއިން ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގިއިރު، މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާޖް ގެނަބްރީ ވަނީ ބަޔާނަށް މި މެޗުގައި ލީޑު ފުޅާކޮށްދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައޮ އޮވެ ބަޔާންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކޮލޯންއިން ކުޅެން ނިކުތީ ވަރުގަދަ ކޮށެވެ. އެގޮތުން ކޮލޯނުން މި ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ޑްރެކްސްލާއެވެ.
މީގެ އިތުރުން ރޭ ޑޯޓްމުންޑް ކުޅުނު މެޗުން އެޓީމު މޮޅުވީ އާމީނިއާ ބީލެފެލްޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މެޗުތަކުން ބަޔާނާއި ޑޯޓްމުންޑް މޮޅުވިއިރު، މި ދެ ޓީމަށްވެސް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ލަނޑުގެ ތަފާތުން ބަޔާނަށް ތާވަލުގެ އެއްވަނަ ލިބޭއިރު، ޑޯޓްމުންޑް އޮތީ ތާވަލުގެ ދެވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް