ރަނގަޅަށް އަތް ދޮންނަނީ 5 ޕަސެންޓް މީހުން : ދިރާސާ

ދެން ފަހަރަކުން ފާހާނާއަށް ދާއިރު މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ. ބަލިތައް ޖައްސާ ބެކްޓީރިއާ މަރުވަންދެން އަތް ދޮންނަނީ އެންމެ 5 ޕަސެންޓް މީހުންނެވެ. މިއީ މިޗިގަން ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއަކ...

31 Oct 2020 | 19:39

ދެން ފަހަރަކުން ފާހާނާއަށް ދާއިރު މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ. ބަލިތައް ޖައްސާ ބެކްޓީރިއާ މަރުވަންދެން އަތް ދޮންނަނީ އެންމެ 5 ޕަސެންޓް މީހުންނެވެ.

މިއީ މިޗިގަން ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއަކުން ހާމަވީ ކަމަކެވެ. އެ ދިރާސާގައި 3749 މީހުންގެ އަތް ދޮވުމުގެ ވައްޓަފާޅި ހުންނަ ގޮތް ބަލާފައިވެ އެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ ‘ޖޯނަލް އޮފް އެންވަޔަރަންމަންޓަލް ހެލްތް’ގަ އެވެ. ދިރާސާގައި އިތުރަށް ހާމަވި ކަންތައްތަކުގެ ތެރޭގައި:

ފާހާނާއަށް ދިއުމަށް ފަހު 15 ޕަސެންޓް ފިރިހެނުން އެއްގޮތަކަށް ވެސް އަތެއް ނުދޮވެއެވެ. އަދި އަންހެނުންގެ ތެރެއިން 7 ޕަސެންޓް މިފަދައެވެ.

އަތް ދޮންނަ ފިރިހެނުންގެ ތެރެއިން ސައިބޯނި ބޭނުން ކުރަނީ އެންމެ 50 ޕަސެންޓް މީހުންނެވެ. އަންހެނުންގެ ތެރެއިން ސައިބޯނި ލައިގެން އަތް ދޮންނަނީ 78 ޕަސެންޓް މީހުންނެވެ.

ސިންކް ހަޑިކޮށް ހުންނަ ނަމަ ފާހާނާއަށް ދާ މީހުން އަތްދޮވުމަށް އުޒުރުވެރިވެއެވެ.

ފާހާނާ ތެރޭގައި އަތް ދޮވުމަށް ބާރު އަޅާ ލިޔުމެއް ނުވަތަ ބޯޑެއް ހުރި ނަމަ މީހުން އަތް ދޮވުމަށް ހިތްވަރަކަށް ވެ އެވެ.

އެމެރިކާގެ ސެންޓަރ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނާ ގޮތުގައި ކެއުމުން ޖެހޭ ބަލިތަކުގެ ތެރެއިން 50 ޕަސެންޓް ބަލި އަރަނީ އަތް ހަޑިކޮށް ހުރެ ކެއުމުންނެވެ. އަދި މިހެންވެ ރަނގަޅަށް އަތް ދޮވުމަކީ މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައެވެ.

އެ ގޮތަކީ ފެނާއި ސައިބޯނި ލައިގެން 20 ސިކުންތު ވަންދެން އަތް ދޮވުމެވެ. ނަމަވެސް ދިރާސާއިން ދެއްކި ގޮތުގައި ގިނަ ބަޔަކު އެވްރެޖް ގޮތެއްގައި އަތް ދޮންނަނީ 6 ސިކުންތު ވަންދެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް