ބީއެމްއެލް އޭޓީއެމުން މަހަކު ޑޮލަރު ނެގޭ މިންވަރު ފުރަތަމަ ފަހަރަށް ލިމިޓްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް ކޮންމެ މަހަކު ނަގުދު ޑޮލަރުގެ ގޮތުގައި ނެގޭ އެންމެ ގިނަ ޢަދަދަކީ 3500 ކަމަށް މިއަދުން ފެށިގެން ކަނޑައަޅައިފިއެވެ. އޭޓީއެމުން ޑޮލަރު ނެގޭ ޢަ...

01 Oct 2026 | 12:11
ފޮޓޯ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް ކޮންމެ މަހަކު ނަގުދު ޑޮލަރުގެ ގޮތުގައި ނެގޭ އެންމެ ގިނަ ޢަދަދަކީ 3500 ކަމަށް މިއަދުން ފެށިގެން ކަނޑައަޅައިފިއެވެ.

އޭޓީއެމުން ޑޮލަރު ނެގޭ ޢަދަދު މަހެއްގެ މައްޗަށް ވަކި މިންވަރެއްގައި ހިފެހެއްޓި މިއީ ފުރަތަމަ ފަހަރެވެ. 
ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން މި ބަދަލު ގެނައި ނަމަވެސް ކާޑަކުން ދުވާލެއްގެ މައްޗަށް 1600 ޑޮލަރު ނެގޭ ގޮތް ކުރިއެކޭ އެއްފަދައިން ދެމި އޮންނާނެއެވެ.

ޒަމާނީ ޑިޖިޓަލް ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ގޮތުން ގެނައި މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލް އިން ލިޔުމުން ބުނެފައިވަނީ "މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަވަސް ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް މާލީނިޒާމެއް ކުރިއެރުވުމަށް ބީއެމްއެލް އިން ގެންގުޅޭ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ" ކަމަށެވެ.

ނަގުދު ފައިސާ ބޭނުންނުކޮށް ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން މޮބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ފައިސާ ޓްރާންސްފާ ކުރެވުމާއި ބިލް ދެއްކުން ފަދަ ޚިދުމަތްތައް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

"މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް އަދި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމާއި އެކައުންޓްތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބެ އެވެ" ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

މި ބަދަލަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރުމަށް ކަސްޓަމަރުން އަހުލުވެރިކުރުވުމުގެ ގޮތުން ބީއެމްއެލް އިން ގެންނަ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް