ވަތަނީ ހިދުމަތުގެ ކުރިމަގު ވަރަށް އުޖާލާ، އިތުރު ފަންނީ ދާއިރާތައް ތައާރަފު ކުރާނަން: ރައީސް

ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފެށި ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހ...

01 Oct 2026 | 04:58
ވަތަނީ ހިދުމަތުގެ ޕްރޮގްރާމެއް ފުރިހަމަ ކުރި ދަރިވަރުންތަކެއް -- ފޮޓޯ: ރައީސް އޮފީސް

ވަތަނީ ހިދުމަތުގެ ޕްރޮގްރާމެއް ފުރިހަމަ ކުރި ދަރިވަރުންތަކެއް -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފެށި ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު އެއް ވަނަ ދުވަހު އިފުތިތާޙުކުރި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް މިއަދު އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ރައީސް ވިދާޅުވީ މި ހިދުމަތުގެ ފުރަތަމަ އަހަރު އެއްހާސް ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ހާސިލް ކުރެވިފައިވާ ކަމަށެވެ. ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ތެރެއިން 1028 ޒުވާނުން ތަމްރީނުކުރެވުނުއިރު ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން އިތުރު 136 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ނޭޝަނަލް ސަރވިސްގެ ތެރެއަށް އިތުރު ފަންނީ ދާއިރާތައް ތަޢާރަފުކޮށް އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް ފެށުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ. ހަމައެއާއެކު ތަމްރީނު ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ މަގު ތަނަވަސްކޮށްދިނުމަކީ މުހިންމު އެއް ބޭނުން ކަމަށް ވިދާޅުވި އެވެ.

މި މުނާސަބާގައި ރައީސް ވަނީ ތަމްރީނު ފުރިހަމަކުރި ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް ތަހުނިޔާ ދަންނަވައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ސީދާ އެ މަނިކުފާނުގެ އިސްނެންގެވުމަކަށް މި ސަރުކާރުން އެއް އަހަރު ކުރިން ރާއްޖެ އަށް ތައާރަފުކުރި ޕްރޮގްރާމެކެވެ. އޭގެ މަގުސަދަކީ ސަރުކާރުން ބުނެފައިވާ ގޮތުގައި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމްދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ ގޮތުންނާއި ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ބަޔަކު ތަމްރީން ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް