ޔޫއެފާ ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގެ ގްރޫޕް ސްޓޭޖުގެ ގުރުނެގުން މިރޭ ބޭއްވުނު އިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސް އާއި ލިއޮނަލް މެސީ ކުޅެމުން އަންނަ ސްޕެއިންގެ ބާސެލޯނާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ޔުވެންޓަސް އާއި ބާސާ އެއް ގުރޫޕެއްގައި ލައްވާލާފައިވާއިރު، މި ދެޓީމު ހިމެނުނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޑައިނަމޯ ކިއެވް އާއި ފެރެންކްވަރޯސީއެވެ.
ޗެމްޕިއަންސް ލީގުގެ އެހެން ގްރޫޕްތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ބަޔާން މިއުނިކު ލައްވާލާފައިވަނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އެތްލެޓިކޯ މެޑްރިޑާއި، ސަލްޒްބާގް އާއި ލޮކޮމޯޓިވް މޮސްކޯ އެވެ.
އެންމެފަހުގެ ރަނަރަޕް ޕީއެސްޖީ ލައްވާލާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއި، ރެޑްބުލް ލީޕްޒިގް އަދި އިސްތަންބުލް ބަސަކްސެހީރް އާއި އެކު ގްރޫޕް އެޗްގައެވެ. ޕްރިމިއާ ލީގުގެެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ލައްވާލީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އަޔެކްސް އާއި އެޓަލާންޓާ އަދި މިޖިލަންޑް އާއެކު ގްރޫޕް ޑީ ގައެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑް ލައްވާލާފައިވަނީ އިންޓަ މިލާނާއި ޝަހްތަރު ޑޮނެޓްްސްކް އަދި ބޮރޫޝިއާ މޮންޗެންގްލެޑްބެކާ އެކު ގްރޫޕް ބީ ގައެވެ.
އެހެން ގްރޫޕްތަކަށް ބަލާއިރު ޗެލްސީ އާއި ސެވިއްޔާ އަދި ރަޝިޔާގެ ކްރަސްނޮޑާ އާއި ރެނައިސް ލައްވާލީ ގްރޫޕް އީގައެވެ.
އަދި ބްރޫޝިއާ ޑޯޓްމަންޑާއި، ލާޒިޔޯ އަދި ޒެނިތްގެ އިތުރުން ކްލަބު ބްރޫޖް ލައްވާލާފައިވަނީ ގްރޫޕް އެފްގައެވެ.
މީގެއިތުރުން މެންޗެސްޓަރ ސިޓީ ލައްވާލާފައިވަނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޓޯ އާއި އޮލިމްޕިއާކޯސްގެ އިތުރުން މާސޭ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް