އުމުރުން ދުވަސްވީ މީހުންނާއެކު އަތޮޅު ތެރޭގައި ބީއެމްއެލް އިން ޚާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ އެކި ބްރާންޗްތަކާއި ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރި ވުމާއި މާލީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ބޭއްްވި ބައްދަލުވުންތަކެކެވެ.
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްދިޔަ މި ބައްދަލުވުން ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި ބޭންކިންގ އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނެވެ.
ވަކީން ޚާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި ބޭންކުން ވަނީ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސަރވިސް ބޭންކިންގ ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށެވެ. އަދި މި ބައްދަލުވުން ކުރިޔަށް ދިޔަ ހޯލް ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ވަނީ ނުހަނު ސަމާލުކަށް ދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް