ކޮވިޑް ކެމްޕެއިން މުބާރާތަށް ވީޑިއޯ އާއި ފޮޓޯ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގަ...

01 Oct 2020 | 14:17

ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އާންމުންނަށް ވެސް ބައިބެރި ވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތުގައި ބައިބެރި ވުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މި ހިނގާ އޮކްޓޫބަރ މަހުގެ 10 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށެވެ.

މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިނާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް ނުވަތަ  މެސެޖެއް ދެވޭނެ ފަދަ ވީޑިއޯއާއި ފޮޓޯއެވެ.

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިނަކީ 30 ސިކުންތެވެ. އަދި ހުރިހާ ވީޑިއޯއެއް ވެސް ހުންނަން ވާނީ MP4 ފޯމެޓްގައެވެ.

އަދި މި ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ.

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެއެވެ. ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައެވެ.

މި މުބާރާތަކީ އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އަދި ވަނަވަނަ އަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.

އެއްވަނަ ވީޑިއޯ އަށް 15،000 ރުފިޔާ ލިބިގެންދާއިރު ދެވަނަ ވީޑިއޯ އަކަށް 10،000 ރުފިޔާ އަދި ތިންވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ލިބިގެން ދާނެއެވެ. އެއްވަނަ ފޮޓޯ އަށް 10،000 ރުފިޔާ ލިބޭއިރު ދެވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިންވަނަ ފޮޓޯ އަށް 3،000 ރުފިޔާ ލިބިގެންދާނެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 10 ވާ ބުދަދުވަހުގެ އިރު އޮއްސި 6:00 އަށް ފޮނުވަން ވާނެއެވެ. ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ކުރާ ތަކެތި، މި މަހުގެ 12 ވަނަ ދުވަހު "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ.

މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާއިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް