ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި، ކޯވިޑް-19 ގެ ޙާލަތުގައި ވެސް، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާއިގުޅޭ އެހެން އިދާރާތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައި، އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއްކަމުގައި ވިދާޅުވި އެވެ. އަދި، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާގުޅޭ ހުރިހާ މުޢައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ އިންސާނީ ވަޞީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަށް ފާހަގަކުރައްވައި، އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް