މުއާޞަލާތީ ޚިދުމަތަކީ ޤައުމުތަކުގެ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބުގެ އިތުރުން ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސް ޚިދުމަތެކެވެ. މިޒަމާނުގައި މި ޚިދުމަތާ ނުލައި އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދުމަކީ އުނދަގޫ ކަމަކަށްވަނީ ވެފައިއެވެ.
މިއަދަކީ ރާއްޖޭގެ މުއާޞަލާތީ ދާއިރާ ފަށައިދީ، ދިވެހި އިޤުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގު ވުޖޫދަށް އައި ދުވަހެވެ. މިއަދަކީ ދިރާގުގެ ގައުމީ ޚިދުމަތުގައި ފަޚުރުވެރި 32 އަހަރު ފުރުނު ދުވަހެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އާބާދީ މަދު ގައުމަކަށް ވުމުން، މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި، ވަކިން ޚާއްޞަކޮށް މުއާޞަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި، އެހެން ޤައުމުތަކާއި ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ޤައުމެކެވެ. މުއާސަލާތީ ހިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑުވާ ކަމެކެވެ.
މީގެ 32 އަހަރު ކުރިން ދިރާގުން ފެށި އަގުހުރި މަސައްކަތީ މިއީއެވެ. މުޅިން އަލަށް ރާއްޖޭގައި މުއާޞަލާތީ އިންފްރާސްޓަރަކްޗާތައް ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް، މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ޗާޓުން ފަވާލައ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅުވާދިނުމެވެ.
ދިރާގުގެ ހިދުމަތުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދީފައިވެއެވެ. އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.
ޑިޖިޓަލް ލީޑަރ
ދިރާގުން ފޯރުކޮށްދޭ މި ޚިދުމަތްތަކުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން، ދިރާގުން ހިދުމަތްދޭން ފެށިތާ މާގި އަހަރުތަކެއް ނުވެ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް، ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ނިންމާލިއެވެ. އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ.
ނަމަވެސް ދިރާގުން މުޅިން އަލަށް އަދި ޓެކްނޮލޮޖީގެވެސް ޅަފަތުގެ ދައުރުގައި މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލިއެވެ. މިއީ ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ އެންމެ މައި އެއް ބިންގަލަށްވެ، ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާޞަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔަ އެވެ.
ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީ ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާޞަލާތީ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ޚިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ހަމައެއާއެކު، ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ޚިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ޚިދުމަތް މިހާރު އާބާދީގެ 76 ޕަސެންޓަށް ލިބެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މުއާޞަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތަޢާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ޚިދުމަތްތައްވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ. އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ދިރާގުން ދަނީ ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންނެވެ.
ދިވެހިންގެ ކުންފުނި
ދުނިޔޭގެ ޓެކްނޮލޮޖީ ސިނާޢަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާޢަތެކެވެ. ދިރާގުންވެސް ދަނީ ހަމަ އެ ހަލުވި މިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން، ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައިއެވެ. އަދި ވޭތުވެދިޔަ 32 އަހަރު ތެރޭ ގައުމަގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި، އެކި ގޮތްގޮތުން ޚިދުމަތް ފޯރުކޮށްދެމުން ދިޔަ މައި އެއް ކުންފުންޏަކީ ދިރާގޭ ބުނުން ދޮގަކަށް ނުވާނެއެވެ.
އެގޮތުން، ކޯވިޑް-19 މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެއެވެ. މުޖުތަމަޢަށް ފޯރުކޮށްދިން ގިނަ ގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ޚިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފައިއެވެ.
އަދި ހަމައެހެންމެ، ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަކަށް ބަދަލު ގެނެސް، ޚިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށާއި ޕްރީޕެއިޑް ޚިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ޚަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައިއެވެ.
ކަންމިހެން ވުމާއެކު، ދިރާގުގެ 32 އަހަރުގެ ޙަޔާތުގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް ދަމަހައްޓާ، ކަސްޓަމަރުންނާއި ދިވެހިންގެ އިތުބާރާއި ލޯބި ވަނީ އެ ކުންފުންޔަށް ލިބިފައިއެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުންވެސް ގިނަ ކަސްޓަމަރުން ދިރާގު އިޚްތިޔާރުކޮށް ދިރާގާއެކު ދެމިތިބުމުންނެވެ. މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ހަމަގައިމުވެސް ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަޤުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.
އިޖުތިމާޢީ ރޮގުން ނަމުނާ
ދިރާގަކީ ހަމައެކަނި މުއާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާޢީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން، ދިރާގުގެ އިޖުތިމާޢީ ޒިންމާ ނުވަތަ "ސީ.އެސް.އާރް"ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.
ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީހިނދު، ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެކަމީ އެއްވެސް ޝައްކެތްނެތް ކަމެކެވެ. "އެންރިޗިންގ ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.
ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް