ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ތިން އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ޒިޔާދާ ނިޔާވެފައިވާ އިރު، އޭނާގެ ފިރިމީހާ ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ވަނީ ތިން ދަޢުވާ އެއް ކޮށްފަ އެވެ.
އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ.
އެއަށްފަހު، ދައިލަތުން ވަނީ ޝާހުގެ މައްޗަށް އިތުރު ދައުވާ އެއްވެސް އުފުލާފަ އެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ.
ޝާހުގެ ޝަރީޢަތްތައް 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ފެށިނަމަވެސް މި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް މިދިޔަ 2019 ވަނަ އަހަރުގެ މާރޗު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ދައުވާތައް ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ރޭޕް ކުރުމުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފައިވީ ނަމަވެސް އެހެން ދައުވާތަކުގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.
ޒިޔާދާގެ މަރާ ގުޅިގެން 2016 ވަނަ އަހަރު ފުލުހުން ބުނެފައިވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.
އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް ވަނީ އަނިޔާ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް