މިހާތަނަށް ދައުލަތުގެ ތެރޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެންމެ ބޮޑު ސުވާލު އުފެދެނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ނިޔަތާއި މެދު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ޖަރީމާ ހިންގަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލް ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށެވެ.
މި މައްސަލައިގަ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެއީ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް އެއްބަސްވެފައި އެވެ.
ޖަމީލްގެ ޓުވީޓުގައި ވިދާޅުވީ ޕީޖީ ޝަމީމްގެ ނިޔަތާއި މެދު ސުވާލު އުފެދެނީ އޭނާ އަކީ މީގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަށްވާތީ ކަމަށެވެ. އަދި އަދީބަކީ މި ކުށް ކުރުމުގައި އެންމެ އިސްކޮށް ހުރި މީހާއަށް ވާއިރު އޭނާ އާއި އެކު ހެދި ޑީލަކީ ކޮބައިކަން ނޭނގޭ ކަމަށެވެ.
ޑރ. ޖަމީލް ވަނީ އިސް މުޖިރިމާއި އެކު ޑިލް ހެދުމުގައި ގާނޫނީ ހުރަހެއް ނެތްތޯ ސުވާލު ކުރައްވާފައި އެވެ. އަދި ވިދާޅުވީ މި މައްސަލައިގަ ޕީޖީ އޮފީހުން ވަނީ ގޯސް މައްޗަށް ގޯސް ހަދާފައި ކަމަށެވެ.
އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މި މައްސަލައިގަ ކުރިން ޝަމީމް މަސައްކަތް ކުރައްވާފައިވާތީ އެ މައްސަލަ ވަނީ ބާ ކައުންސިލަށްވެސް ހުށަހަޅާފައި އެވެ. އެ ކައުންސިލަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ލިބޭ ބައެއްގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ޝަމީމް ހަމަ އެ މައްސަލައިގައި ދައުލަތުގެ އިސް ވަކީލެއްގެ ގޮތުން އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ޝަމީމް ވިދާޅުވެފައިވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި ރިޔާސީ ލޯންޗު ކޮޅު ގޮއްވާލި މައްސަލައިގަ މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އެ ދުވަސްވަރު ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑު ކުރުމުން އެމްއެމްޕީއާރުސީ މައްސަލައިގަ އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް