އަންނަ ހޯމަ ދުވަހު ފެށޭ އޭލެވެލް އިމްތިހާނު ހަދަން ދަރިވަރުން ދާއިރު ކެންޑިޑޭޓު ނަމްބަރު ޖަހައިގެން ކުޑަ ސެނިޓައިޒާ ފުޅިއެއް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ކޮންމެ ކުއްޖަކު ވަކިން ކުޑަ ސެނިޓައިޒާ ފުޅިއެއް ގެންދަން އިލްތިމާސް ކުރަނީ އިމްތިހާނު ހަދާ ކޮންމެ ކުއްޖެއްގެ ރައްކާތެރިކަމަށް ވަކިން ސަމާލުކަން ދިނުމަށެވެ. އޭނާ ވިދާޅުވީ ވަކިން ކުދިން ސެނެޓައިޒާ ފުޅި ގެންދިޔަޔަސް އިމްތިހާނު ހޯލަށް ކުދިން ވައްދާނީ އަތްދޮވެ، ފިނިހޫނުމިން ބެލުމަށް ފަހުގައި ކަމަށެވެ.
ހުރިހާ ކުދިންވެސް އިމްތިހާނު ހަދަން ތިބޭނީ އިޖްތިމާއީ ގައިދުރު ކަމުގައި މާސްކު އަޅައިގެން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު އިމްތިހާން ހޯލުގައި ޕޭޕަރު ކުދިންނާއި ހަވާލު ކުރާ ހިސާބުން އަމަލު ކުރަން ފަށާނީ އާންމު އިމްތިހާނު ތަކުގައި އަމަލު ކުރާ އުސޫލުން ކަމަށެވެ.
އިހުސާން ވިދާޅުވީ ކަރަންޓީން އާއި އައިސޮލޭޝަންގައި ތިބި ކުދިންނަށް އިމްތިހާނު ދިނުމަށް ވަކި ހޯލުތަކެއް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަނުގައި ހަރަކާތްތެރިވާ އިންވިޖިލޭޓަރުންވެސް ތިބޭނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހެދުމާއި އެކު ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިހާތަނަށް ޕޮސިޓިވްވެފައި ނުވާ ކުއްޖެއް ނަމަވެސް ކަރަންޓީން ނުވަތަ ޕޮސިޓިވްވާ ހިސާބުން އެ ކުއްޖަކު އިމްތިހާނު ހަދާ ސެންޓަރަށް ވީހާވެސް އަވަހަކަށް އަންގަން ވާނެ ކަމަށެވެ. އެއީ ކުއްޖާގެ އިމްތިހާނު ހަދާ ހޯލު ބަދަލު ކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
މިއަހަރުގެ އޭލެވެލް އިމްތިހާނު ރާއްޖޭގެ 38 ސެންޓަރެއްގައި ހަދާނެ އެވެ. އޭގެ ތެރެއިން މާލޭގައި އިމްތިހާނު ހަދަނީ ހަތަރު ސެންޓަރެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް