އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ވިޔަފާރިތައް ފަށައި ނުހައްގު މުއްސަނދިކަން ހޯދަމުން އެބަދޭ: އަދީބު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށާއި އަދި އެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ބޮޑެތި ވިޔަފާރިތައް ފަށައި އެ ކަނ...

01 Oct 2020 | 02:01

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށާއި އަދި އެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ބޮޑެތި ވިޔަފާރިތައް ފަށައި އެ ކަންކަން ފުޅާކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށާއި އެގޮތުން މިކަމުގެ މަންފާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ބޮޑެތި ވިޔަފާރިތައް ފަށައި އެ ކަންކަން ފުޅާކުރަމުންދާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި އޭނާގެ އެންމެ ބޮޑު އުއްމީދަކީ އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްވެސް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރީގެ ސަރުކާރުން ހިންގި ބޮޑު ސްކީމެއް ކަމަށާއި އެގޮތުން އެ ސްކީމުން ފައިސާ ހޯދައިގެން އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ މަޖިލީހުގައި ނެގުނު ވޯޓުތަކުގެ އިތުރުން ވެސް އެހެނިހެން ކަންކަމަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

އިއްޔެގެ އަޑުއެހުމުގައި އަދީބު ވަނީ ދައުލަތުން އުފުލި ހަތް ދައުވާ އަށް ވެސް އިއުތިރާފް ވެފައެވެ. އަދި އަދީބު ވަނީ މި މައްސަލައިގައި މިހާރުވެސް ދެމުންގެންދާ އެއްބާރުލުމާއި އަދި ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން ދައުވާތައް ސާބިތުވި ނަމަވެސް އަދަބު ކުޑަކޮށްދިނުމަށް ވެސް ދައުލަތުގެ ކިބައިން އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް