ސިލްސިލާ ވާހަކަ: ޒާރާ - ތިރީސް ފަސްވަނަ ބައި

''ޒާރާ......ބިރުގަތީދޯ......'' ޒާރާގެ ހަށިގަނޑު އަދިވެސް ބޮޑަށް ގަޔާލާ ފިއްތާލަމުން އިމްރާން ސުވާލު ކޮށްލިއެވެ. ޒާރާ މަޑުމަޑުން ބޯޖަހާލިއެވެ. އަދިވެސް އެ ދެލޯވަނީ މެރިފައެވެ. އެ ދެއަތުން އިމްރާނުގެ ހަ...

01 Oct 2020 | 01:56

''ޒާރާ......ބިރުގަތީދޯ......'' ޒާރާގެ ހަށިގަނޑު އަދިވެސް ބޮޑަށް ގަޔާލާ ފިއްތާލަމުން އިމްރާން ސުވާލު ކޮށްލިއެވެ. ޒާރާ މަޑުމަޑުން ބޯޖަހާލިއެވެ. އަދިވެސް އެ ދެލޯވަނީ މެރިފައެވެ. އެ ދެއަތުން އިމްރާނުގެ ހަށިގަޑު ވަށާލާފައިވާއިރު އެ ދެއަތުގައިވަނީ މަޑުމަޑު ތުރުތުރެއްގެ އަސަރެވެ.

''އެއްވެސް ކަމެއް ނޫން..... ސޮރީ ލަސްވީމަ....... ކާރުގެ ފުރޮޅު ފަޅައިގެން ގޮސްގެން ލަސްވީ..... އެނގޭ ޒާރާ ވަރަށް  އެކަނިވާނެކަންވެސް ..... އެންމެފަހުން ލަސްވާތީ ...... ރައްޓެއްސެއްގެ ކާރުގަ މިއައީ......'' އިމްރާން ވާހަކަދެއްކީ ނިކަން ލޯބިންނެވެ. އެހާ އޯގާތެރިކަމާއެކުގައެވެ. އެދެމެދުގައި އެއްވެސް ދުރުމިނެއް ނެތްކަހަލައެވެ. މަޑުމަޑުން ޒާރާގެ އަތުގައި ހިފައިގެން އިމްރާން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

އެ ފިނިފިނިރެއަކީ، އެ ދެމަފިރިންގެ އަލަތުކައިވެނީގެ އުފާ އޭގެ އެންމެ ފުންމިނުން ލިބިގަތްރޭކަމުގައި ލިޔެވި ނިމިއްޖެއެވެ. އެ ތޫފާނީ ރެއަކީ އިމްރާނާ ޒާރާގެ ހަޔާތުގެ އާ ސަފުހާއެއް ހުޅުވުނު އުފާވެރި ރެއެކެވެ. އެކަކު އަނެކަކަށްޓަކައި މުޅިން އާ އިހްސާސްތަކެއް އުފެދިގެންދިޔަ ރެއެކެވެ. އެރެއަކީ އިމްރާން އުންމީދުކުރަމުން އައިފަދަ ހިތަގައިމުރެއެކެވެ. ފުރަތަމަ ފަހަރަށް ޒާރާގެ ފަރާތުން ފިރިއަކަށް ލިބެންޖެހޭ ލޯތްބާ އަޅާލުން އިމްރާނަށް ލިބުނެވެ.   އެކަމަށްޓަކައި ކެތްމަދުވެފައިވާ އިމްރާންގެ ހިތް ފުރިބަންޑުންވާވަރަށެވެ.

ވަގުތަކީ ފަރުވާއެކެވެ. މިހެންބުނެވެނީ ގިނަފަހަރު ވަގުތާއި އެކު ހާލަތު ބަދަލުވެގެންދާތީއެވެ. އަބަދު އެއްގޮތަކަށް ކަންތަކެއް ނުހިގާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. ޒާރާއަށް ވީވެސް އެހެންނެވެ. އިމްރާންގެ ލޯތްބާ އޯގާތެރިކަމުގެ ސަބަބުން ޒާރާގެ ހިތުގައި ބިންވަޅުނެގިފައިވާ އާދިލް ހަނދާންތައް މަޑުމަޑުން ފަސްލާ ފޮރުވިއްޖެއެވެ. އެ ހަނދާންތަކުގެ ކުލަ ފަޑުވެއްޖެއެވެ. އެ ހިތުގައި އުފެދުނު ފުން ޒަޚަމްތަކުގެ ފަރުވާއަކަށްވީ އިމްރާން ޒާރާއަށް ދިން ލޯތްބެވެ. އިމްރާން ވަމުންދިޔަ ޤުރުބާނީތަކެވެ. ސާފު ތެދުވެރި ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗެކެވެ. ހިތެއްގައި އަނެކާގެ މައްޗަށް ލޯތްބެއް އުފެދުމަށްޓަކައި ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެއެވެ. އެކަނިވެރިކަމާ މާޔޫސް ކަމުގައި ދިރިއުޅުން ހޭދަކުރަމުންދިޔަ ޒާރާގެ ހަޔާތް އުފާވެރި ހަޔާތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ޒާރާގެ ހިތުގައި އުފެދުނު ޒަޚަމްތަކުގެ ފަރުވާއަކަށްވީ އެ ޒަޚަމްތަކަށް، އިމްރާނުގެ ލޯބީގެ އާރުން  އޮހެމުންދިޔަ ފޮދުވަރުތަކެވެ. އޭގެއިތުރުން އިމްރާނުގެ އާއިލާގެ ފަރާތުން ލިބޭ ލޯތްބާ އަޅާލުމާ އޯގާތެރިކަމެވެ.

*****************************

ހުކުރުދުވަހެއްގެ މެންދުރާ ގާތްވަމުން ދަނީއެވެ.  ޒާރާ އުޅެނީ ބަދިގެތެތޭގައި މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. މަސައްކަތް ނުކުރަން ކިތައްމެ ވަރަކަށް ހަސީނާއާއި އިމްރާން ބުނެފައިއޮތް ނަމަވެސް ޒާރާ ބޭނުންވަނީ ކެއްކުމުގެ މަސައްކަތުގައިވެސް ބައިވެރިވާށެވެ. ގޭގައި ކަމެއް ނުކޮށް ހުންނަން ޒާރާ ފޫހިވަނީއެވެ. އެހެންނޫނަސް ކެއްކުމަކީ ޒާރާ ވަރަށް ގަޔާވާކަމެކެވެ. ނިކަން އަތްމަތި އަވަސްކޮށް ފިޔާކޮޅު ކޮށާލުމަށްފަހު އުނދުން ރޯކޮށްލިއެވެ. އުނދުންމަތީގައި ތެލި ބެހެއްޓުމަށްފަހު ބަޓަރުކޮޅެއް ތެއްޔަށް ވައްޓާލިއެވެ. ކޮށާފައިވާ ފިޔާކޮޅު ތެއްޔަށް އަޅާލިވަގުތު ޒާރާއަށް އިމްރާން ގޮވާލިއަޑު އިވުނެވެ. އޭރު އިމްރާން ބަދިގެބަޔަށް ވަދެގެން އަންނަނީއެވެ. އިމްރާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒާރާއަށް ޔަގީންވިއެވެ.

އިމްރާން ދިނީ ހިތާމަވެރި ޚަބަރެކެވެ. ޒާރާގެ ބައްޕަ ކުއްލިއަކަށް މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރެވެ. ކުރަންހުރި މަސައްކަތް ހަސީނާއާ ހަވާލުކުރުމަށްފަހު، ޒާރާ އަވަސްވެގަތީ ޒައިދަށް ގުޅާށެވެ. ހެނދުނު ޗާޖަށް ޖެހިގޮތަށް ފޯނުއޮތީ ކޮޓަރީގައެވެ. އަވަސްއަވަހަށް ފޯނު ހުޅުވާލިއެވެ. ޒައިދު އެތައް ފަހަރަކު ގުޅާފައި އޮތެވެ. ޒާރާ ދެރަވިއެވެ. ބައްޕައަށް އެހެންއެވީ ޒާރާގެ އަޅާލުން ކުޑަވީމައޭ ޒާރާގެ ހިތް ބުނަމުންދިޔައެވެ. ބައްޕައާ ދޭތެރޭ ފަރުވާކުޑަ ކުރެވުނު ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. ޒާރާ އަވަސްވެގަތީ ތައްޔާރުވެލައިގެން ހޮސްޕިޓަލަށް ދާށެވެ.

ޒާރާގެ ދެމަފިރިންނަށް ހޮސްޕިޓަލަށް ދެވުނު އިރު ހާމިދަށް އިމަޖެންސީ ރޫމުގައި ފަރުވާދެނީއެވެ. ޒައިދު ގާތުން ޒާރާ އަހާލުމުން އެނގުނީ ބައްޕަ ނޭވާލާން އުނދަގޫވެގެން އުޅޭތާ ދެތިންދުވަސް ވެއްޖެކަމުގައެވެ. ނަމަވެސް އެކަން ޒާރާއަށް ނޭންގީ ޒާރާ ދެރަވެ ކަންބޮޑުވެދާނެތީ،  ބައްޕަ އެގޮތް ބޭނުން ނުވެގެން ކަމުގައި ޒައިދު ބުންޏެވެ. އެހެންނަމަވެސް ފަތިހު ކުއްލިއަކަށް މޭގައި ރިއްސާ ނޭވާނުލެވި، ތެޅިފޮޅެން ފެށުމުން ހޮސްޕިޓަލަށް ގެނައީ ކަމަށެވެ.

ޒާރާގެ ލޮލުން ކަރުނަ ނީރާލީ ބައްޕަ ޒާރާދެކެ ލޯބިވާ މިންވަރު އިހްސާސް ކުރެވުމުންނެވެ. ބައްޕަ އެކިފަހަރުމަތިން ޒާރާއަށްޓަކައިވީ އަގު ނުކުރެވޭފަދަ ގުރުބާނީތައް ޒާރާ ހަނދާންވާން ފެށިއެވެ. އެ ބައްޕަގެ ލޯބިން ޒާރާގެ ހިތުގައިވާ ޒަޚަމްތަކަށް ފަރުވާކުރީ ކިތައްކިތައް ފަހަރުކަމެއްވެސް ޒާރާއަށް ބުނެދޭކަށް ނޭގެއެވެ. ބައްޕަ ޒާރާއާ ދޭތެރޭ ކިހާ ބޮޑަކަށް ވިސްނާހެއްޔެވެ. ބައްޕަ ޒާރާދެކެ ކިހާ ލޯބިވާކަން އެންމެ ބޮޑަށް އެނގޭނެ އެކަކީ ހަމަ ޒާރާއެވެ. ވީ އިރު ޒާރާއަށް މިކުރެވުނީ ކީއްހެއްޔެވެ. އެބައްޕައަށް ކުރެވުނު އެންމެ ކުށަކަށްޓަކާ ބައްޕަދެކެ ރުޅިއައިސް، އެބައްޕައާ ޒާރާ ދުރުވާން ވެދާނެ ހެއްޔެވެ. ޒާރާއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރަކަށް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އިތުރުވަމުން ދިޔައެވެ.

''ދޮންތާ....ދެން....އަޅެ...... އެއްކަލަ ދޮންތަ......'' ޒައިދު ޒާރާގެ ގާތަށް ޖެހިލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ދޮންތަގެ ކޮންޑުގައި ހިފަހައްޓާލިއެވެ. ހިތްވަރުކުރާށޭބުނާފަދަ ގޮތަކަށެވެ. ޒައިދަށް ހީކުރެވިފައިއޮތީ ޒާރާގެ ލޮލަށް ޖަމާވެފައިވާ ކަރުނައަކީ ބައްޕަ ބަލިވުމުން އެކަމުގެ ހިތާމައިގެ އަސަރު ކަމުގައެވެ. ވާނީވެސް އެހެންނެވެ. ބައްޕަ އަށް ކިތަންމެ ކުޑަކަމެއް ވިޔަސް ޒާރާ އެވަރަށް ކަންބޮޑުވެ ދެރަވާކަން ޒައިދަށް އޮޅިފައެއް ނެތެވެ.

ގާތްގަނޑަކަށް ދެގަޑިއެއްހާއިރު ފަހުން ހާމިދު ވޯޑަށް ބަދަލުކުރިއެވެ. އޭރު ހާމިދަށް އޮތީ ނިދިފައެވެ. ނޫނީ ނިންދަވާފައެވެ. މާބޮޑަށް ކަންތައްތަކާ ވިސްނާތީ ހުންނަންވާ ވަރަށްވުރެ ހިތުގެ ހިނގުންވެސް މަތިވެފައިވެއެވެ. ޒާރާ އިށީދެލީ ހާމިދު ގާތުގައިހުރި ގޮނޑީގައެވެ. ބައްޕަގެ އަތުގައި ޒާރާ ފިރުމާލިއެވެ. އެ ބައްޕަގެ މޫނަށް ބަލާލުމާއެކު ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލިއެވެ. ޒާރާ ބޭނުމީ ބައްޕަ އަށް ހޭލެވޭއިރު ގާތުގައި އިންނާށެވެ. ބައްޕައަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް ދެން ޒާރާ ނުކުރާނެއެވެ. ޒާރާ އޭނާގެ އަމިއްލަ ނަފުސަށް ވިސްނާދިނެވެ. ބޭކާރު ވިސްނުންތަކާ ދުރުވެ ހަމަޖެހިލެވޭތޯ ޒާރާ މަސައްކަތް ކުރިއެވެ.

ދެތިން ދުވަސްތެރޭ ހާމިދަށް އެކަނި އުޅެލެވޭ ވަރުވެއްޖެއެވެ. ހާމިދު އެޑްމިޓް ކުރިދުވަހުންފެށިގެން ޒާރާ އެއްހަފުތާގެ ޗުއްޓީ އެއް ނެގިއެވެ.   ބައްޕަ ގާތުގައި ވަގުތު ހޭދަކުރުމަށެވެ. އެ ދުވަސްތަކުގައި ޒާރާ ގިނަވަގުތު ހޭދަކުރަމުން ދަނީ އޭނާގެ ގޭގައެވެ. އެހެންނަމަވެސް އިމްރާނުގެ ކަންތައްތަކަކަށް ފަރުވާކުޑައެއް ނުކުރެއެވެ. ހަސީނާގެ ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓާތީ ޒާރާ އަށް ގިނަވަގުތު ބައްޕަ ގާތުގައި ހޭދަކުރެވެއެވެ.

ހާމިދު ނަމާދުކޮށް އަވަދިވެގެން އައިސް އެނދުގައި އިށީދެލިއެވެ. އެވަގުތު ދޮރުހުޅުވާލާފައި ޒާރާ އެތެރެއަށް ވަނެވެ. އޭނާ ހުރީ އެވަގުތަށް އިންތިޒާރު ކޮށްކޮށް ކަހަލައެވެ. އަތުގައި ހުރި ތަބައްތެރޭގައި އާވިއަރަމުންދާ ބަތްޕެންތައްޓަކާއި ފެނުކެއްކި ތަރުކާރީ ކޮޅެއް ހުއްޓެވެ.

''ބަތްޕެންފޮދު ބޯލަންވީނު ބައްޕާ...... މިހާރު ބޭސްކާގަޑި ޖެހެނީ..... ގަޑިން ގަޑިއަށް ބޭސްކެވޭތޯ ބަލަންވާނެ.......'' ތަބަށް އެނދުމަތީގައި ބެހައްޓިއެވެ. ހާމިދުގެ އަތުގެ އިޝާރާތުން ހާމިދުގާތު، އެނދުގައި ޒާރާވެސް އިށީނުމަށް އެދުނެވެ. އެއީ ހާމިދުގެ އާދައެވެ. އެނދުގައި ޒާރާ އިށީދެލިއެވެ.

ހާމިދު އޭނާގެ ލޯބިވާ ދަރިފުޅާ ދިމާއަށް ބަލާލިއެވެ. ދުވަހަކުވެސް މީހަކު ހާމިދާ ދޭތެރޭ މިހާ އޯގާތެރިކޮށް ކަންތައް ކޮށްފައެއް ނުވެއެވެ. ޒާރާ ފިޔަވައެވެ. ނޫނެކެވެ. ޒާރާ އެކަންޏެއް ނޫނެވެ. ޒާރާގެ އިތުރުން ޒާރާގެ މަންމައެވެ. ޒާރާގެ މޫނަށް ހާމިދު ބަލާލާ ކޮންމެ ފަހަރަކު ޒާރާގެ މަންމަ މަތިން ހަނދާންވެއެވެ. އެ ތަސްވީރު ލޮލަށް ސިފަކުރެވެއެވެ. ޒާރާއަށް ލިބިފައިވަނީ ހަމަ އޭނާގެ މަންމަގެ ރީތިކަމެވެ. އެ ދޮންކަމެވެ. އެ އިސްކޮޅާ ރޫފައެވެ. އެ ނިޔަނެތިކަމެވެ. އެ ރީތި ދެލޮލެވެ. އުޅުމާ މިޒާޖުގައި ވެސް މާބޮޑު ތަފާތެއް ނެތެވެ. މަޑުމައިތިރިކަމާ ލަދުރަކިކަންވެސް ހަމަ ޒާރާގެ މަންމައެކޭ އެއްފަދައެވެ. ހަމަ އޭނާގެ ފޮޓޯކޮޕީއެކެވެ.

''ބައްޕާ......'' ހާމިދު ކަޅިޖަހާނުލާ ޒާރާގެ މޫނަށް ބަލަންއިންތަން ފެނުމުން ޒާރާ ގޮވާލިއެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ހާމިދު ހިނިތުން ވެލިއެވެ. ޒާރާގެ ހިތް ބުނަމުން ދިޔައީ މިއީ ޒާރާ އިންތިޒާރު ކުރަމުން އައި ވަގުތުކަމުގައެވެ.  އެންމެ ރަނގަޅު ދަނޑިވަޅުކަމުގައެވެ. ބައްޕަ އާއި ޒާރާ ފިޔަވައި އިތުރު މީހަކު ގޭގައި ނޫޅޭތީ، ވަގުތުގެ ބޭނުން ހިފަން ޒާރާ ނިންމިއެވެ. ޒައިދު އޮފީހުން އަންނާނީ ހަވީރުއެވެ. އިމްރާންވެސް ޒާރާ ބަލާއަންނާނީ ޒާރާ ގުޅީމައެވެ. ވީއިރު މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ޒާރާއަކަށް ދެން ނުލިބޭނެއެވެ. ބައެއް ފުރުސަތު ޙަޔާތުގައި ދެފަހަރަކަށް ނުލިބޭނެއެވެ. ލިބޭނީ އެންމެފަހަރަކުއެވެ.

''ބައްޕާ......'' ޒާރާ އިނީ ހާމިދުގެ މޫނަށް ބަލާށެވެ. ހާމިދުވެސް ތަށީގައި އެންމެފަހުން ހުރި ބަތްޕެންފޮދު ބޯލަމުން ޒާރާއާދިމާލަށް ބަލާލިއެވެ.

''އަހަރެންގެ މަންމަ އަކީ ކާކު....'' ޒާރާގެ އަނގައިން ބޭރުވެގެން ދިޔަ ސުވާލުގެ ސަބަބުން ހާމިދަށް ކުއްލި ސިހުމެއް ލިބުނުކަން އެމަންޒަރު ފެނުނު ކޮންމެ މީހަކަށް އެނގޭނެއެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ވަގުތުން ގެއްލުނެވެ. އެތައްކުލައެއް އެމޫނަށް އަރާފައިބައިގެން ދިޔައެވެ. ނިތްކުރިއަށް އެތަކެއް ރޫތަކެއް އަރައިފިއެވެ. ބުނާނެ އެއްޗެއް ހާމިދަކަށް ނޭނގުނެވެ.

''ކިހިނެތްވީ ދަރިފުޅާ....'' ހަމަޖެހޭގޮތްދައްކަމުން ޒާރާގެ މޫނަށް ހާމިދު ބަލާލިއެވެ. ހާމިދަށް ކުރެވުނީ އެވަގުތަށް އެންމެ ރަނގަޅު ސުވާލު ބާވައެވެ.

''އެ ސުވާލުގެ ޖަވާބު ބޭނުން.... އަހަރެންގެ މަންމަ އަކީ ކާކު.... '' ޒާރާ ސުވާލު ތަކުރާރުކޮށްލިއެވެ. މިހާދުވަސްކޮށްފައި ޒާރާ އެ ސުވާލު އެގޮތަށް ކުރަން އެޖެހުނީ ކީއްވެބާވައޭ ހާމިދުގެ ހިތަށް އެރިއެވެ. ހާސްކަން ހައްތަހާ ދިޔައީ އިތުރު ވަމުންނެވެ. ނިތްކުރިމަތިން ފާއްދާލާފައިވާ ދާތިކިތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. ސައުވީސް އަހަރުވީއިރު ޒާރާގެ ހިތަށްވެސް ނާންނަ ސުވާލެއް މިއަދު އެކުރީ ކީއްވެހެއްޔެވެ. ހަމަގައިމުވެސް އެ ސުވާލު ކުރަން ޖެހުނު ކޮންމެވެސް ސަބަބެއް އޮންނާނެ ކަމުގައި ހާމިދު ގަބޫލު ކުރެއެވެ.

''ބައްޕާ .... ކާކުތަ...އަހަރެންގެ މަންމަ އަކީ.؟ '' ތިންވަނަ ފަހަރަށް ޒާރާ ހަމަ އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ހާމިދު އިސްޖަހާލިއެވެ. ހެޑްބޯޑުގައި ބުރަކަށި ޖައްސާލާ އެނދުގައި ހަމަޖެހިލިއެވެ. ކޮންމެވެސް ދުވަހަކުން ހަޤީގަތާ ކުރިމަތިލާން ޖެހޭނެއޭ ނާޒިމާ އަބަދުވެސް އައީ ބުނަމުންނެވެ.

''ދަރިފުޅާ ...  ދަރިފުޅުގެ މަންމަ އަކީ ނާޒިމާ....''


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް