މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޙިޔާނާތާއި ގުޅިގެން ހާމަ ނުކުރައްވައިފިނަމަ ނޭނގޭނެ އެތަކެއް މުހިންމު ފަދަ މައުލޫމާތުތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެމައުލޫމާތު ހާމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދިނުމަށް އެއްބާރުލުން ދޭނެކަމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އިބްތިދާޢީ އަޑުއެހުންތައް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ، މިހާރު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދެއްވުމުގައި އެއްބާރުލުން ދެއްވާނެކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅިގެން އަދީބު ހާމަ ނުކުރައްވައިފިނަމަ ނޭނގޭނެ ފަދަ މުހިންމު އެތަކެއް މައުލޫމާތުތައް ހިމެނޭ ކަމަށާއި އެގޮތުން ދައުލަތާއި އަދީބާ ދެމެދު ވެވިފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތުތައް ދައުލަތާ ހިއްސާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އަދި މި ފައިސާ އަނބުރާ ދައުލަތަށް ހޯދައިދިނުމުގައި ދައުލަތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާކަމަށް އަދީބު ވިދާޅުވިއެވެ.
އޭގެ އިތުރުން، އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ މި މައްސަލަ ބަލަން ބޭނުން ނުވި ކަމަށާއި އެގޮތުން ނިމިދިޔަ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ މި މައްސަލައިގައި ވަކި ބަޔަކު ޒިންމާ ކުރުވުމަށްކަން އަދީބު ފާހަގަ ކުރެއްވިއެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލަ ބަލައި، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން އޮތްކަމައްވެސް އަދީބު ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.
މި ހުރިހާ ދައުވާއަކަށްވެސް ޝަރީއަތުގެ މަޖިލީހުގައި އަދީބު އިއުތިރާފްވެސް އެއްބަސްވެފައިވާއިރު، މި މައްސަލައިގެ އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް