ހުޅުމާލޭ ފުލުހުންގެ އާ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.
މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ހުޅުމާލޭ ފުލުހުންގެ މަރުކަޒު ހުންނަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރިން، ހިތިގަސް މަގުގައި އެވެ.
މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހުޅުމާލޭގައި ފުލުހުންގެ ފުރިހަމަ މަރުކަޒެއް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވެ ހިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެ، މުޅި ވެއްޓަށް އަންނަމުންދާ ބަދަލުތަކާ އެކުގައި ހުޅުމާލޭގައި ފުލުހުން ދޭންޖެހޭ ހިދުމަތްތަކަކީ ކޮންމެހެން ފުޅާކުރަންޖެހިފައިވާ ހިދުމަތެއް ކަމަށެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދީ ވަސީލަތްތައް ދިނުން ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމްކުރުމަށް އިސްކަން ދެއްވާ ކަމަށެވެ.
ހުޅުމާލެ ފުލުހުންގެ އާ އިމާރާތް ކުރުމުގެ މަސައްކަތް އިފްތިތާހު ކުރީ 2017 ޖޫން 14 ގައި އެވެ. މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 20199 ނޮވެ،ްބަރު 12 ވަނަ ދުވަހު އެވެ.
މި އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ފުލުހުން ބުނީ މި އިމާރާތަކީ ޒަމާނީ ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ހިދުމަތް ފަސޭހައިން ދެވޭނެފަދަ ބައިތަކާ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ ތަނެއް ކަމަށެވެ.
މި މަޝްރޫއުއަށް 27.5 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް