ގދ. ތިނަދޫއިން ކޯވިޑަށް ޕޮސިޓިވް ވެގެން ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ވިލިނގިލީ ބަޔަކު ހުރަސް އެޅި މައްސަލަ ބަލާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ފަސް ސަރަހައްދެއްގައި ވަނީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތައް ގާއިމްކޮށްފައި އެވެ. އޭގެ ތެރެއިން ދެކުނުގައި ގާއިމްކޮށްފައިވާ ތިން ފެސިލިޓީއަކީ ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ އެވެ.
އިއްޔެ އެމީހާ ތިނަދޫއިން ސީއެމްބިއުލާންސްގައި ވިލިނގިލީ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ގެންދިއުމުން އެ ރަށުން ބަޔަކު ވަނީ ބަނދަރަށް އެއްވެ އެމީހާ އެ ރަށަށް އެރުވުމާއި ދެކޮޅަށް އަޑުގަދަކޮށްފައިއެވެ. އެހެންވެސް ސީއެމްބިއުލާންސްގައި ވަނީ އެމީހާ އަނބުރާ ތިނަދޫއަށް ގެންގޮސްފައި އެވެ.
އެމީހާ މިހާރު އެޑްމިޓްކޮށްފައި އޮތީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެވެ.
މި މައްސަލައިގަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާޏު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް އެ ސެންޓަރުން ބަލާނެ ކަމަށެވެ. އަދި ބަލި މީހަކު އެގޮތަށް ރަށަކަށް އަރުވަން ދެކޮޅު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވިލިނގިލީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކޯވިޑްގެ ބަލި މަޑުކަމަށްވުރެ ނުރައްކާތެރިކަމެއް ކަމަށެވެ.
ރަށަށް ބަލި ފެތުރިދާނެ ކަމަށް ބަލައި މިފަދަ އަމަލުތައް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ވިދާޅުވީ މިފަދަ ދަނޑިވަޅުތަކުގައި އިންސާނިއްޔަތުކަން އިސްކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކަކީ އެ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ހަދާފައިވާ ތަންތަން ކަމަށެވެ.
ކޯވިޑަކީ މިހާތަނަށް ފަރުވާ އެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ހަދާފައިވާ ކޯވިޑް ފެސިލިޓީތަކުގައި އެންމެ ހާލުބޮޑު ބަލި މީހާއަށް ފަރުވާ ދެވޭ ފެންވަރަށް އެތަންތަން ތަރައްގީކޮށްފައި އެވެ. އުތުރުން މެނޭޖްމެންޓު ފެސިލިޓީ ގާއިމްކޮށްފައިވަނީ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލާއި ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގައި އެވެ.
މީގެ އިތުރުން ދަތުރު ފަތުރުގެ ދުރުމިނަށް ބަލައި ހއ. އިހަވަންދޫ އަދި ފުވައްމުލަކު ސިޓީގައި ވަނީ ޓްރާންސިޓް ކޯވިޑް މެނޭޖްމެންޓް ފެސިލިޓީތަކެއް ގާއިމްކޮށްފައި އެވެ. އެ ދެ ތަނުގައި މީހުންނަށް ފަރުވާ ދޭނީ އެންމެ ކައިރީގައި ހުންނަނ ފެސިލިޓީއަކަށް ގެންދެވެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް