އަތޮޅު ތެރޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެޗްއީއޯސީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރީ އަތޮޅުތަކުގައި ހިންގާ ކޮވިޑްގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންކަމަށެވެ. އަދި އަތޮޅު ތެރޭގައި ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
މި ބައްދަލުވުމުގައި ހެލްތް މިނިސްޓްރީ، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުު، އެޗްޕީއޭގެ އޮފިޝަލުންނާއި ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ފަށާފައި މިވަނީ މާލެއިން ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ފަހަކުން ޕޮސިޓިވްވާލެއް އިތުރުވެފައި ވަނިކޮށެވެ. މިހާރު އަތޮޅު ތެރޭގެ10 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދީ އާންމު ހާލަތުގައި މާލެ ހުޅުވާލީ މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
މާލޭގައި ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް އާންމު ތަންތަނުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައި އެވެ. އެ ގަވައިދާ ހިލާފުވާނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 3،949 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 16 މީހަކު މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 2،613 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް