މާލޭގެ އިތުރުން އަތޮޅު ތެރޭގައި ކޯވިޑަށް ޕޮސިޓިވް މީހުން ތިބި ނަމަވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ކޯވިޑް-19 ފެތުރޭކަމަށް އަދި ނުބުނެވޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މާލެ ފިޔަވާ 10 ރަށެއްގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުން އެބަތިއްބެވެ. އެ ރަށްތަކަކީ، ހއ. ކެލާ، އިހަވަންދޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، އޭދަފުށި، ހިތާދޫ، ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދޫ އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވާ އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ އެންމެންނަށް ބަލި ޖެހިފައިވަނީ މާލެއިން ކަމަށްވާތީ އެއީ އެ ރަށްރަށަށް އިމްޕޯޓުވެފައިވާ ކޭސްތަކެއް ކަމަށެވެ.
ނަޒްލާ ވިދާޅުވީ ކަރަންޓީންގައި ތިބި މީހުންނަށް ވާތީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެކަމަކު އެޗްޕީއޭއިން އަންގާފައިވާ އުސޫލުތަކާއި ހިލާފަށް ކަރަންޓީންގެ މުއްދަތުގައި އަމަލުކޮށްފައިވާ ނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެފަދަ ޝަކުވާއެއް ޕޮސިޓިވް މީހުންގެ ފަރާތުން ލިބިފައި ނުވާކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 3،949 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް