މީގެ 15 އަހަރު ކުރިން، 2005 ވަނަ އަހަރު އޯގަސްޓް މަހުގެ 15 ވަނަ ދުވަހު، ހ. ޝަބްނަމް ކައިރީގައި އެ ދުވަހު ހެނދުނު ގިނަ ބަޔަކު ކިޔޫގައި ތިއްބެވެ. ކިޔޫގައި ތިބި އެންމެންގެ އިންތިޒާރަށް ނިމުމެއް އައީ އެ އިމާރާތުގައި ގާއިމްކޮށްފައިވާ ވަތަނިއްޔާގެ ފިހާރަ ހުޅުވުމުންނެވެ. އެއީ މިހާރުގެ އުރީދޫގެ ފެށުމެވެ. އޭރު ވަތަނިއްޔާއެވެ. މުވާސަލާތީ ހިދުމަތް ދިނުމުގެ ދާއިރާއިން ރާއްޖެ ބަދަލުކޮށްލި ދުވަހަކީ އެދުވަހެވެ.
މިއަދަކީ އެ ދުވަހަށް 15 އަހަރު ފުރޭ ދުވަހެވެ. އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުނު ދުވަހެވެ.
އޭގެ ކުރިން މުވާސަލާތީ ދާއިރާގައި، އާދައިގެ ފޯނު ކޯލެއް ކޮށްލަންވެސް އާއްމު ރައްޔިތު މީހާއަށް ގޮންޖެހުންތަކެއް ހުރިކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް ވަތަނިއްޔާ ވުޖޫދުވި ހިސާބުން އެކަންކަން ބަދަލުވެ، ހިދުމަތުގެ އަގުތަކާއި ހިދުމަތާއި ގުޅުންހުރި އެހެނިހެން ކަންކަމުގެ އަގުތައް އިންތިހާއަށް ތިރިވެ، ހަމަ ކޮންމެ ރައްޔިތެއްގެ އަތް ފޯރާ ފަށަށް މުވާސަލާތީ މި ފުޅާ ހިދުމަތް ލިބެން ފެށިއެވެ.
އޭރު ވަތަނިއްޔާއިން ހިދުމަތް ދޭން ފެށީވެސް ޖީޕީއާރުއެސް އެޖްގެ ހިދުމަތާއެކުގައެވެ. އެއަށްފަހު 2009 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް 3ޖީ ތައާރަފް ކުރިއެވެ. އަދި 2014 ގައި 4ޖީވެސް ރާއްޖެއަށް ތައާރަފް ކުރީ އުރީދޫ މޯލްޑިވްސް އިންނެވެ. އުރީދޫ މޯލްޑިވްސް އާއެކު މިހާރު އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދަނީ 5 ޖީގެ ޖީލެކެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ކޮންމެ އީޖާދެއްވެސް ކަސްޓަމަރުންނަށް ތައާރަފް ކުރުމުގައި އުރީދޫން އަބަދުވެސް ކުރި ހޯދަމުން އަންނައިރު، މިހާރު މުޅި ދުނިޔެއަށް ދިމާވެފައިމިވާ ކޯވިޑް-19 ގެ މި ހާލަތުގައިވެސް އުރީދޫ މޯލްޑިވްސް އިން އަންނަނީ ގިނަ ގުނަ އެހީތަކެއް ދައުލަތަށާއި، އެކި އޮފާ އަދި ޕްރޮމޯޝަންސްގެ ގޮތުގައި އާންމު ރައްޔިތުންނަށްވެސް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން މުޖުތަމައަށް ފައިދާވާނެ ގިނަ ކަންތައްތަކެއްވެސް އުރީދޫއިން އަންނަނީ އަބަދުވެސް ކުރަމުންނެވެ. ހާއްސަ އެކި މުނާސަބަތުތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމުގެ އިތުރުން، ނިރު އެކްސެލެރޭޓަރ ފަދަ، ޒުވާނުން ބިނާކުރުމުގެ ޕްރޮގްރާމްތައްވެސް އުރީދޫ މޯލްޑިވްސް އިން އަންނަނީ ހިންގަމުންނެވެ. ސޯޝަލް މީޑިއާ ބޭނުންކުރައްވާ ފަރާތްތަކަށް އެކަމަށް ހާއްސަ ޕެކޭޖުތަކާއި ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރައްވާ ފަރާތްތަކަށް އެކަމަށް ހާއްސަ ޕެކޭޖުތަކާއި ތައުލީމު އުނގެނޭ ދަރިވަރުންނަށް އަދި ކިޔަވައިދޭ ފަރާތްތަކަށް ހާއްސަ ޕެކޭޖުތައް ތައާރަފްކުރަމުންދެއެވެ.
މިހާރުވެސް އުރީދޫއިން ފޯރުކޮށްދެމުން އަންނަ ހިދުމަތުގެ ލިސްޓު ވަރަށްވެސް ދިގެވެ. ވައި-ފައި ކޯލިންގް، އީސިމް ފަދަ އެންމެ ފަހުގެ ޓެކްނޯލޮޖީތައްވެސް އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖެއަށް ތައާރަފްކޮށް، ހިދުމަތް ދޭން ފަށާފައެވެ.
މިއަދު އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރި 16 ވަނަ އަހަރު ފަށާއިރު، ހަމަ ގައިމުވެސް އެކަކު އަނެކަކާއި އޮތް ދުރުކަން ގާތްކޮށްދީފިއެވެ. އާއިލާތަކުގެ ގުޅުންތައް ބަދަހިކޮށްދީފިއެވެ. ޒަމާނީ ޓެކްނޯލޮޖީތައް އަތްފޯރާ ފަށަށް ގެނެސްދީފިއެވެ. އަދި ގޭގައި ތިބެގެން ވިޔަފާރި ކޮށްލެވޭނެ ފަހި މަގުވެސް އުރީދޫ މޯލްޑިވްސް އިން މިވަނީ ފަހިކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް