މިއަދުން ފެށިގެން މާލޭގައި މާސްކު އެޅުން މަޖުބޫރު، އިސްތިސްނާވަނީ ތިން ބައެއް

މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭ ސިޓީގައި އާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ...

01 Aug 2020 | 09:46

މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭ ސިޓީގައި އާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގެއިން ބޭރުގައި އުޅޭއިރު ހުރިހާ އެންމެން އުޅެންޖެހޭނީ އަނގަ، ނޭފަތް އަދި ދަތްދޮޅި ނިވާވާގޮތަށް މާސްކު އަޅައިގެންނެވެ. މިގޮތަށް އަންގާފައިވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ އެންގުމުގައި ބުނެފައިވާގޮތުގައި މާލޭގެ މަގުމަތީގައި މާސްކު އެޅުމުން އިސްތިސްނާވީ ތިން ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން

ކަސްރަތު ކުރަން މަގުމަތީގައި އުޅޭ މީހުން ކަސްރަތު ކުރާއިރު

އެހެން މީހެއްގެ އެހީ އާއި ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން

މީގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މި އެންގުމަށް އަމަލު ކުރުމަށް ހުރިހާ އިދާރާތަކާއި އާންމުންނަށް އަންގާފައިވެ އެވެ. އަދި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.

އާންމު ތަންތަނުގައި މާސްކު ނާޅާނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. މާސްކު އެޅުން މާލޭގައި މަޖުބޫރު ކުރަން ނިންމީ މިފަހަކަށް އައި ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް