ކ. މާފުށީ ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޯވިޑް-19 އަށް ޕޮސިިޓިވް ވެއްޖެ އެވެ.
މިކަން މާފުށީ ކައުންސިލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ. އެ ރަށުން ދެމީހަކު ޕޮސިޓިވްވިކަން އެ ރަށު ކައުންސިލަށް އެޗްޕީއޭއިން އެންގީ ރޭގެ ވަގުތެއްގައި އެވެ.
އެ ރަށުން ޕޮސިޓިވް ވެފައިވަނީ ދެ ގެއެއްގައި ތިބި ދެމީހެކެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އަންހެނެކެވެ.
އެމީހުން ޕޮސިޓިވްކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ކޯވިޑަށް ޓެސްޓު ކުރުމުންނެވެ. އެމީހުން ހޯމް ކަރަންޓީނަށް މާފުއްޓަށް ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
މާފުށީގެ އިތުރުން މިއަދު ހއ. އިހަވަންދޫންވެސް ކޯވިޑަށް މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އެ ރަށުން ޕޮސިޓިވްވެފައިވަނީ އެ ރަށު ބޯޓެއްގައި މަސައްކަތް ކުރާ ކޭޝިއަރެކެވެ.
މަލޭގެ އިތުރުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުން ނުވަ ރަށެއްގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ކ. މާފުށި، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ބ. ކަމަދޫ އަދި ވ. ފުލިދޫ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 3،793 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،607 މީހަކު ރަނގަޅުވެފައިވާއިރު 16 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް