ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫގެ ހިދުމަތް ރާއްޖޭގައި ދޭން ފެށީންސުރެ މަގުސަދަކީ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމަށް ރާއްޖެ ހެދުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދަކީ ރާއްޖޭގައި އުރީދޫގެ ހިދުމަތް ދޭންފެށިތާ 15 އަހަރު ފުރުނު ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން އުރީދޫގެ އެކްޓިން ސީއީއޯ ހުސައިން ނިޔާޒު ވިދާޅުވީ މިދިޔަ 15 އަހަރުގެ ތެރޭގައި އުރީދޫއިން ވަނީ ރާއްޖެއަށް ތަފާތު އާ ޓެކްނޮލޮޖީތަކެއް ތައާރަފު ކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ހިދުމަތްތަކެއް ތައާރަފު ކުރެވުނީތީ އެ ކުންފުނިން އުފާކުރާކަމަށެވެ.
ނިޔާޒު ވިދާޅުވީ އުރީދޫގެ ހިދުމަތް ދިނުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ދިވެހި ސަރުކާރާއި އެ ކުންފުނީގެ ޕާޓްނަރުންގެ ފަރާތުން ކަމަށެވެ. އަދި މި ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފު ކުރުމުގައި އެންމެ މުހިންމު މަސައްކަތެއް ކޮށްފައިވަނީ އުރީދޫގެ ހީވާގި މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މިދިޔަ 15 އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އުރީދޫގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެހީތެރިކަންކަމަށެވެ.
އުރީދޫން ރާއްޖެއަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭން ފެށުން ވެގެންދިޔައީ އެ ދާއިރާގައި ވާދަވެރިކަން އުފެދުނު ކަމަކަށެވެ. އަދި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް