ކޯވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އާންމުކޮށް މީހުން ގޮސް އުޅޭ ހުރިހާ ތަނެއްހެން ބަންދު ކުރި އެވެ.
މިސްކިތްތަކާއި، ކެފޭ/ ރެސްޓޯރެންޓުތަކާއި، އޮފީސްތަކާއި ދަތުރުފަތުރު ކުރުމުގެ އިތުރުން ތައުލީމުދޭ ތަންތަން ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ތިން މަހެއްހާ ދުވަހަށް ބަންދު ކުރަން ޖެހުނެވެ. އަލުން އާންމު ހާލަތުގައި އެ ހުރިހާ ތަނެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހިދުމަތް ދިނުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އާ އާންމު ހާލަތުގައި ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދިން ތަންތަނުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ކަންބޮޑުމެއް ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރީ މިސްކިތްތަކާއި ސްކޫލްތަކުންނެވެ. އެގޮތުން މާލޭގައި ސްކޫލްތަކަށް އަދިވެސް ކުދިން ގެންދަން ގިނަ ބެލެނިވެރިން ދެކޮޅު ހަދާކަން ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާ އަދަދާއި މީޑިއާގައި މީހުން ފާޅު ކުރާ ހިޔާލުތަކުން އެނގެ އެވެ.
ދެން އެންމެ ގަދަޔަށް އާންމުން އަޑު އުފުލީ މާލޭގެ މިސްކިތްތައް އާންމުކޮށް ހުޅުވާލައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމުންނާއި ހުކުރު ކުރަން ފެށުމުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލައި ހަދާފައިވާއިރު ގިނަ މީހުން ބުނީ ކައިރި ކައިރީގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ރައްކާތެރި ނޫން ކަމަށާއި އަދި މިސްކިތްތައް ހުޅުވުންވެސް އަވަސް ކަމަށެވެ.
އަދި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑީ މިސްކިތްތަކުން ކަމަށް ބުނެ އެތައް ބަޔަކު ވާހަކަދެއްކި އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބަށް ބަލާއިރު އާންމުންގެ އަންދާޒާތަކާއި މިސްކިތްތަކުން ބަލި ޖެހުނު މީހުންގެ އަދަދު ހަމަކުރާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. މިދިޔަ މަހުގެ އެއް ވަނަ ދުވަހު އާ އާންމު ހާލަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށިފަހުން ޖުލައި 28 ވަނަ ދުވަހާއި ހަމައަށް މިސްކިތަށް ގޮސްގެން ބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ.
ސްކޫލްތަކަކާއި މަތީތައުލީމު ދޭ މަރުކަޒުތަކުން ބަލި ޖެހިފައިވަނީ 28 މީހަކަށެވެ. ނަތީޖާ އާންމުން ހީކުރިގޮތާއި ވަރަށް ތަފާތެވެ.
މިސްކިތްތަކުން ބަލި ޖެހިފަނީ އެންމެ މީހަކަށް ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިސްކިތަށް ނަމާދަށް ދާ މީހުން އެޗްޕީއޭ އާއި އެ މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތައެވެ. ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތާތީ މިސްކިތަށް ދިއުމުން އަނބުރާ ފޮނުވާ ނުލެވޭނެ ކަމަށާއި ފަރުދީ ޒިންމާ އާންމުން އަދާ ކުރަންޖެހޭ ކަމަށް ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފެށުނީންސުރެ ބުނަމުންދިޔައީ އާ އާންމު ހާލަތުގައި ސްކޫލްތައް ހުޅުވަނީ ރައްކާތެރިކަމުގެ ގޮތޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެނިވެރިންނަށް ކަށަވަރުކޮށްދީފައިވެ އެވެ.
މިދިޔަ މަހު އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ އޮފީސް މާހައުލުންނާއި ކެފޭ/ ރެސްޓޯރެންޓު އަދި ފިހާރަތަކުންނެވެ. އެއީ އާންމުން އެންގެ ގިނައިން އެއްތަނަކަށް އެއްވެ އުޅޭ ތަންތަނެވެ.
ކޯވިޑް-19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް ބިންދާލުމާއި ގާތްވެފައިވާއިރު ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަކީ ފަރުދީ ޒިންމާއަކަށް ހަދަން ޖެހެ އެވެ. ވަކި ތަނަކަށް ގޮސްގެން ބަލި ޖެހޭނެ ކަމަށް ބުނެ އަޑުކޮށް ވާހަކަދެއްކުމަށް ވުުރެ އެންގުންތަކަށް ބޯލެނބުމަށް އިސްކަން ދޭންޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް