މިމަހު 16 ވަނަ ދުވަހު މާލޭ ސްކޫލްތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ނުފެށިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. އަތޮޅު ތެރޭގައި ގްރޭޑް އެކަކުން މަތީ ގްރޭޑްތަކަށް ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް މާލޭގައި ކިޔަވައިދެނީ ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ މެދުތެރޭގައި ނިންމާފައިވަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމުން ގްރޭޑް7 އަދި8 ގެ ދަރިވަރުންގެ ކިޔެވުމުން މިމަހު ފެށުމަށެވެ. އެކަމަކު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފައި އެވެ.
މިކަމާއި ގުޅިގެން ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ޕޮސިޓީވްވާ މީހުންގެ އަދަދަށް ބަލާއިރު އިތުރު ގްރޭޑްތަކަކަށް ކިޔަވައިދޭން ފެށޭނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އެކަމަކު އެކަމަށް ވަކިގޮތެއް ނިންމާނީ އެވަގުތު އޮންނަ ހާލަތަށް ބަލައި ކިޔަވައިދޭން ނިންމާފައިވާ ދުވަސް ކައިރިވުމުން ކަމަށް ވިދާޅުވި އެވެ.
އަމީންް އިތުރަށް ވިދާޅުވީ މިހާރު އަޅާ ފިޔަވަޅުތަކަށް މީހުން ބޯލަނބައިގެން ތިބޭނަމަ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
ކޯވިޑް-19 އަށް މިހާތަނަށް 3،793 މީހުންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައި އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 2،607 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް