ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އޭޕްރިލް15 ވަނަ ދުވަހު މާލެއިން ކޯވވިޑް ފެނުމާއި އެކު ލޮކްޑައުން ކުރުމަށް ފަހު ދެ މަހެއްހާ ދުވަސް ފަހުން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ފަހުން ޕޮސިޓީވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ ސިއްހީ މާހިރުންނާއި ސަރުކާރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކުން އަމަލު ކުރާ އުސޫލުން އަލުން ލޮކްޑައުންއަކަށް ނުގޮސް އާންމު ދިރިއުޅުމަށް ފުރުސަތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ހާލަތަށް އަންނަ ބަދަލާ ގުޅިގެން މިހާރު ދީފައި ހުރި ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދު ކުރަންޖެހޭ ހާލަތަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕޮސިޓީވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އިިތުރު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އެ މަޝްވަރާތަކުގައި ބަލަމުން ދަނީ ދީފައިވާ ލުއިތަކާއި އެކު ކުރިޔަށް ދެވޭނެ ގޮތެއް އޮތްތޯ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުން އޮތީ އާންމުންގެ އަތްމަތީގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ލޮކްޑައުނަށް ދިން ލުއިތަކާއި އެކު އެދެވޭ ނަތީޖާއެއް ފެންނަމުން ނުދަީ ރާއްޔިތުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.
ކޯވިޑް-19 އަށް މިހާތަނަށް 3،793 މީހުންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައި އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 2،607 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް