އައިއެފްސީއިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނުދެނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ  އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯ...

01 Jul 2020 | 07:54

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ  އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީފޯރުކޮށްދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށްކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ  ފައިސާ  އެ ވިޔަފާރިތަކަށް ލިބި، އެކަމުން  އެ ފަރާތްތަކަށް ނަފާލިބިގެންދާނެއެވެ. އަދި ހަމައެހެންމެ މުޅިންކަށަވަރު ނުކުރެވުކަމުގައި ވިޔަސް، އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އަށް ދޫކުރުމުގެ ފުރުސަތުވެސް ވަނީ ފަހިވެފައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމުގެ ޖީޑީޕީގެ 3/2 ހިއްސާކުރެއެވެ. އަދި ހަމައެހެންމެ އެ ދާއިރާއިން ރާއްޖޭގެ އެކްސްޕޯޓްގެ 80 އިންސައްތަ އާއި ގައުމަށް ލިބޭ އާމްދަނީގެ 40 އިންސައްތަވެސް ހިއްސާކުރެއެވެ. އަދި ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް ގައުމަށް މިވޭތުވެދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައިވެސް ވަނީ ހަމަ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުމާއެކު ފަތުރުވެރިކަން މުޅިންހެން މަޑުޖެހިގެން ދިޔުމާއެކު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއްވެގެންދާނެކަމަށް ބެލެވެނީ ދިވެހިރާއްޖެއަށް ކަމަށްވެފައި، ލަފާކުރުންތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 13 އިންސައްތައިގެ މިންވަރަކަށް ވެއްޓޭނެކަމަށް ބެލެވެއެވެ.

“ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެކުރީގައި އޮތް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން  މިހާރުވެސް ވާނީ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓަރމް ފައިނޭންސިންގ ޕްރޮގްރާމެއް ތައާރަފްކޮށްފަ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމޯތީ ސޯޔަރ ވިދާޅުވިއެވެ. " އައިއެފްސީ އިން ދޫކުރާ  އެތައް މިލިއަން ޑޮލަރުގެ މި ލޯނަކީ ވަރަށް އެކަށޭނެ ވަގުތެއްގައި އަދި އެހެންމެ މިހާރުގެ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއްވެސްމެ."

މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާންފެށި، މާރޗް މަހުވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެ ރާއްޖޭގެ ބޯޑަރު މާރޗު މަހު ތެރޭގައި ބަންދުކުރުމާއެކު މިވަނީ 'ސުމަކަށް' ވެއްޓިފައެވެ. ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތިންބައި ކުޅައެއްބައި އަދި އަންހެންނުންގެ ހަތަރުބައި ކުޅައެއްބައި މީހުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތުގައި ބައިވެރިވާކަމަށް ލަފާކުރެވެއެވެ. ދާދި ފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށްވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ލިބިފައެވެ.

"ރާއްޖޭގެ ފަތުރުވެރިކަަމަކީ އިގްތިސާދުގެ މައި ނާރަށްވެފައި، ފަތުރުވެރިކަން ނަގައި ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ބަލައިގަންނަން. ފަތުރުވެރިކަމަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު ހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން، ފަހެލި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ."  އައިއެފްސީއިން ދިވެހިރާއްޖެ އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ މެނޭޖަރ އަމީނާ އާރިފް ވިދާޅުވިއެވެ. " އައިއެފްސީގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް  ދޫކުރާ މިފައިނޭންސް އާ އެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ހުޅުވާލެވި އެންމެ ބޮޑު ސނާއަތްކަމަށްވާ ފަތުރުވެރިކަމަށާއި ބޭންކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭގެ ނަފާ ލިބިގެންދާނެ. ގައުމު ބިނާކުރުމަށް ބޭނުންވާ އިތުރު އެހީފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އައިއެފްސީ އިން މިއޮތީ ދިވެހިރާއްޖެ އަށް އެންމެ ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ދިވެހިރާއްޖެ އާއެކު."

ރާއްޖޭގެ އިގްތިސާދަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިއްބައިދޭ އެހީތެރިކަމަކީ މުޅި ގައުމުގެ ތަރައްގީގެވެސް މުހިންމު ދައުރެއް އެކުލެވޭ ހަރަކާތަކަށްވުމާއެކު އައިއެފްސީއިން ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު އިސްކަމެއްދެއެވެ. އައިއެފްސީ އިން ރާއްޖެއަށް އަމާޒުކޮށް އެހީތެރިވެދެނީ ތަރައްގީގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް އެންެމެންނަށްވެސް ޝާމިލުވެވޭ، ދެމެހެއްޓެނެވި، އަދި ގުޅުވައިދިނުން ހިމެނިގެން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ހޯދައިދެވޭ ހައްލުތަކަށެވެ.

އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް